މީރާއިން ރެކޯޑް އަދަދަކަށް ފައިސާ ބަލައިގެންފި

އިއްޔެ، 30 ޖޫން 2014، ގައި މީރާއިން ރެކޯޑް އަދަދަކަށް ފައިސާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކުރައްވައިފިއެވެ. މި ގޮތުން އިއްޔެ މީރާއިން 659 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ފައިސާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ.

އިއްޔެ އަކީ 1 ޖަނަވަރީ އިން 31 ޑިސެންބަރަށް ހިސާބުކުރުމުގެ މުއްދަތު ނިމޭ ފަރާތްތަކުން 2013 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑިކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. ރޭގަނޑުގެ ވަގުތުގައި ވެސް ކައުންޓަރު ހުޅުވައިގެން އެ އޮތޯރިޓީން ވަނީ 3000 އަށް ވުރެ ގިނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދީފައިއެވެ. މި ގޮތުން އިއްޔެ އެންމެ ބޮޑު  އާމްދަނީ އެއް ލިބިފައިވަނީ ބީ.ޕީ.ޓީ، ޖީ.އެސް.ޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. މިއީ މިހާތަނަށް އެއް ދުވަހެއްގެ މަތިން މީރާއިން ބަލައިގަނެފައިވާ އެންމެ ބޮޑު އަދަދުކަމަށް ވެސް މީރާއިން ހާމަކުރައްވައެވެ.

01-07-14