މީރާއިން އެންފޯސްޑް ކަލެކްޝަންގެ ގޮތުގައި 1 ބިލިއަން ރުފިޔާ ހޯދައިފި

2 އޮގަސްޓް 2010 ގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެދުނު ފަހުން މިހާތަނަށް އެންފޯސްޑް ކަލެކްޝަންގެ ގޮތުގައި 1 ބިލިއަން ރުފިޔާ ދައުލަތަށް ހޯދައިފިކަމަށް އެ އޮތޯރިޓީން ހާމަ ކުރައްވައިފިއެވެ.

             އެންފޯސްޑް ކަލެކްޝަނަކީ މީރާއަށް ދައްކަންޖެހޭ ޓެކުހެއް ނުވަތަ އެނޫން ވެސް ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދައްކައިވާ ފަރާތްތަކުން އެ ފައިސާ ހޯދުމަށް މީރާއިން އެކުލަވާފައިވާ އެކި ޕޮލިސީތައް މެދުވެރިކޮށް އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިގެން ހޯދައިފައިވާ ފައިސާކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. މީގެ ތެރެއިން ބައެއް އަދަދު ތަކަކީ ސުންގަޑިއަށް ފައިސާ ނުދެއްކުމުން މީރާއިން އެ ފަރާތްތަކަށް ނޯޓިސްތައް ދީ އަދި ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމުގެ ގޮތުން ފޯނުން ގުޅައިގެން ހޯދައިފައިވާ ފައިސާ އެވެ.

ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާއިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ޚިދުމަތްތައް ވަގުތީ ގޮތުން ހުއްޓުވުމާއި، އެކައުންޓް ފްރީޒްކުރުމާއި ޤާނޫނީ ފިޔަވަޅު އެޅުން ހިމެނޭކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. އަދި ކުރިމަގުގައި ވެސް ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، މީރާގެ ޒިންމާތައް ހަމަހަމަކަމާއެކު ފުރިހަމައަށް ތަންފީޒު ކުރުމުގައި ދެމިތިބޭނެކަމަށް މީރާއިން ހާމަކުރައްވައެވެ.

26-06-14