ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2013 ގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚުކަމުގައިވާ 30 ޖޫން 2014 ގެ ކުރިން ފައިސާ ދައްކައި ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމަށް ޓެކްސް ދައްކާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ޚާއްސަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

މި ސުންގަޑިއާ ގުޅިގެން މީރާއިން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި މި މަހުގެ 24 އަދި 25 ވަނަ ދުވަހު ހެދުނު 10:30 އިން 16:00 އަށް މާލޭގެ ތަފާތު ސަރަހައްދުތަކުގައި އިންފޮމޭޝަން ޑެސްކުތަކެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން، 24 އަދި 25 ވަނަ ދުވަހު ވެލާނާގެ އިމާރާތުގައި އަދި އެސް.ޓީ.އޯ ޓްރޭޑް ސެންޓަރގައި އިންފޮމޭޝަން ޑެސްކުތަކެއް ބެހެއްޓޭނެކަމަށް މީރާއިން މައުލުމާތު ދެެއްވައެވެ. މީގެ އިތުރުން 26 ވަނަ ދުވަހުގައި މީރާގައި ވެސް އިންފޮމޭޝަން ޑެސްކެއް ބެހެއްޓޭނެކަމަށް މީރާއިން ހާމަކުރައްވައެވެ. މާލޭގެ ތަފާތު ސަރަހައްދުތަކުގައި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ، ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާގުޅޭ މައުލޫމާތު ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމެވެ. މިގޮތުން މި އިންފޮމޭޝަން ޑެސްކުތަކުން ޓެކުހާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ބީ.ޕީ.ޓީ ބަޔާން ފުރުމުގައި އެހީތެރިކަން ފޯރުވައިދޭނެކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ.

2014 ވަނަ މޭ މަހުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ 28 ޖޫން 2014 ކަމަށާއި، އަދި ޓެކްސް އަހަރު 2013 ގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 30 ޖޫން 2014 އެވެ. ޖޫން މަހުގެ އެންމެ ފަހު ހަފްތާއަކީ ރަމަޟާން މަސްކަމަށްވެފައި ގިނަ ފަރާތްތަކަކުން ޓެކްސް ދައްކަން އަންނާނެ ހަފްތާއެއްކަމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި ދުރާލާ މި ސުންގަޑި ތަކަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކުރައްވައެވެ.

24-06-14