ލަހުން ބެޑް ޓެކްސް ދެއްކުމުން އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ޖޫރިމަނާ ކޮށްފައިވަނީ ރަނގަޅަށް: ހައިކޯޓް

2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އޭޖެންޓް ކަމުގެ ދަށުގައި ރާއްޖެ އައި ޓޫރިސްޓް އުޅަނދެއް ކަމަށްވާ އެމް.އެސް ކޮސްޓަ ރޮމޭންޓިކާ އިން ދައްކަންޖެހޭ ބެޑް ޓެކްސް ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ދެއްކުމުގެ ސަބަބުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 1.5 މިލިއަން ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ޖުލައި 2012 ގައި ކޮށްފައިވާ ޙުކުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ. މީރާއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، އެ އުޅަނދުގައި ހުރި ކޮންމެ އެނދަކަށް 1,000 ރުފިޔާގެ މަގުންނެވެ

ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފުކޮށް އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ މައިގަނޑު އިސްތިއުނާފީ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖޫރިމަނާއަކީ ހަމައެކަނި ރާއްޖޭގައި އޮޕަރޭޓްކުރާ އުޅަނދުތަކުން ދައްކަންޖެހޭ ޖޫރިމަނާއެއް ކަމަށާއި، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން އެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމުގައެވެ.

އެހެންނަމަވެސް މި މައްސަލައިގައި 18 ޖޫން 2014 ގައި ހައިކޯޓުން ކުރެއްވި ޙުކުމުގައި ވަނީ، ޓޫރިޒަމާބެހޭ ޤާނޫނުގައި މާނަކޮށްފައިވާ  "ޓޫރިސްޓް އުޅަނދު" ގެ ތެރޭގައި ހިމެނެނީ ހަމައެކަނި ދިވެހިރާއްޖޭގެ ޓޫރިސްޓް އުޅަނދު ނޫންކަމާއި، އޭގެ ތެރޭގައި ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުފަހަރުވެސް ހިމެނޭކަމަށް މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނު ކަމަށާއި، ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދުތަކުން ދައްކަންޖެހޭ ބެޑް ޓެކްސް ނުދައްކައިފިނަމަ އެ ފަރާތްތަކުން ޖޫރިމަނާ ދައްކަން ނުޖެހޭ ކަމަށް ބެލެވޭނެ ހަރުދަނާ ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅައިފައިނުވާތީ، ސިވިލް ކޯޓުގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނު ކަމުގައެވެ.

މި ޙުކުމްގެ އިތުރުން، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މީރާއިން ސިވިލް ކޯޓަށް ހުށަހެޅި އިތުރު 2 މައްސަލައެއްގެ ޙުކުމް ވެސް ވޭތުވެދިޔަ ހަފްތާގައި ސިވިލް ކޯޓުން ވަނީ އިއްވަވާފައެވެ. އެ ގޮތުން ށ. ކަލައިދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި ދަފްތަރު ނަންބަރު 5130 އާދަމް ނަސީރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A063674) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން 16 މާރިޗު 2009 އިން ފެށިގެން އެއްބަސްވުން ބާތިލުކުރި ތާރީޚު ކަމަށްވާ 21 ޖޫން 2011 ގެ ނިޔަލަށް ކުއްޔާއި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 8,143,257.28 ރުފިޔާ ހޯދުމަށް މީރާއިން ކުރި ދަޢުވާގައި ޙުކުމްކުރައްވާފައިވަނީ އެ ފައިސާއަކީ އާދަމް ނަސީރުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ސާބިތުވާތީ 6 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށެވެ.

އަދި މ. އެއަރޑޯން ޙަސަން ވަޙީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A050910) ހިންގާ ޓޫރިސްޓް ހޮޓަލެއް ކަމަށްވާ "ލަކީ ހިޔާ ހޮޓެލް" އިން ޖަނަވަރީ 2008 އަދި ޖުލައި 2010 އަށް ދައްކަންޖެހޭ ބެޑް ޓެކްސް ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ދެއްކުމުގެ ސަބަބުން ކުރެވިފައިވާ 77,898 ރުފިޔާ، 30 ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ސިވިލް ކޯޓުން ޙުކުމްކުރެއްވީ ވޭތުވެދިޔަ ހަފްތާގައެވެ.

22-06-14