ޓެކްސް އޭޖެންޓުންގެ ގަވާއިދު ގެޒެޓްކޮށްފި

ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމަށް ލައިސަންސް ދޫކުރެވޭ ޓެކްސް އޭޖެންޓުން ރެގިއުލޭޓްކުރުމާ ބެހޭ ގަވާއިދު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެޒެޓްކޮށްފިއެވެ. ޓެކްސް އޭޖެންޓުންނަށް ލައިސަންސް ދިނުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީރާގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ.

18 ޖޫން 2014 ގައި ގެޒެޓްކުރެވުނު "ޓެކްސް އޭޖެންޓުންގެ ގަވާއިދު" ގައި، ޓެކްސް އޭޖެންޓުންގެ ކިބައިގައި ހުންނަން ޖެހޭނެ ޝަރުޠުތައް ކަނޑައަޅައިފައިވެއެވެ. މި ގަވާއިދުގައިވާ ގޮތުން ޓެކްސް އޭޖެންޓުކަމުގެ 2 ކެޓަގަރީއެއްގެ ހުއްދަ މީރާއިން ދޫކުރާނެއެވެ. އެ ގޮތުން ކެޓަގަރީ 1 ގެ ޓެކްސް އޭޖެންޓުންނަށް ކޮންމެ ގިންތިއެއްގެ ޓެކްސް ދައްކާ ފަރާތެއްގެ އޭޖެންޓުކަން ކުރެވިދާނެއެވެ. ނަމަވެސް ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުންނަށް އޭޖެންޓުކަން ކޮށްދެވޭނީ އަހަރެއްގެ ތެރޭގައި ލިބޭ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ ދަށް ޓެކްސް ދައްކާ ފަރާތްތަކަށެވެ. އަދި ދެ ކެޓަގަރީގެ ޓެކްސް އޭޖެންޓުން ވެސް ހުއްދަ ދޫކުރާނީ މީރާއިން ދޭ އިމްތިހާނަކުން ފާސްވުމުން ކަމަށާއި، ކެޓަގަރީ 2 ގެ ޓެކްސް އޭޖެންޓުން މީރާއިން ހިންގާ ކޯހެއް ވެސް ފުރިހަމަކުރަން ޖެހޭނެ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން ހުރިހާ ޓެކްސް އޭޖެންޓުން ވެސް މީރާއިން ގަވާއިދުން ހިންގާ ފެންވަރު ދެމެހެއްޓުމުގެ ޕްރޮގްރާމް (ކޮންޓިނުއަސް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް) ފުރިހަމަކުރަމުން ގެންދަންވާނެ ކަމަށާއި، މި ޕްރޮގްރާމް ފުރިހަމަ ނުކުރާނަމަ ލައިސަންސް ބާތިލުކުރެވޭނެ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއްވައެވެ.

ޓެކްސް އޭޖެންޓުންނަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ހިސާބުކުރުމުގައްޔާއި ޓެކްސް ބަޔާން ތައްޔާރުކުރުމުގައި އެ ފަރާތްތަކަށް އެހީތެރިވެދިނުމަށާއި، ޓެކުހާ ގުޅޭ ކަންކަމުގައި އެ ފަރާތަށް ލަފާ ދިނުމަށާއި، ޓެކްސް ދައްކާ ފަރާތުން މީރާއާ ދެމެދު ކުރަންޖެހޭ އެކިއެކި މުއާމަލާތްތައް އެ ފަރާތުގެ ބަދަލުގައި ކުރުމަށްޓަކައި އައްޔަންކުރެވޭ ފަރާތެކެވެ. ޓެކްސް އޭޖެންޓުންނަށް ލައިސަންސް ދެވެން ފެށުމުން ޓެކްސް ދައްކާ ފަރާތްތަކާއި މީރާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ޓެކުހުގެ ނިޒާމު މިހާރަށްވުރެ ފުރިހަމަވެގެންދާނެ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. ޓެކްސް އެޖެންޓުކަން ދިނުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވެސް މީރާއަށް މައުލޫމާތު ދެއްވައެވެ.

19-06-14