2014 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރ ގެ ނިއަލަށް ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާއިން ހާމަކޮށްފި

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، 2014 ވަނަ އަހަރު ގެ ފުރަތަމަ ކުއާރޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކޮށްފިއެވެ.

 މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ހިމެނެނީ ޖަނަވަރީ 2014 އިން މާރިޗު 2014ގެ ޓެކްސް ނެގޭ މުއްދަތުގައި ޖީ.އެސް.ޓީ ބަޔާން ހުށަހަޅާފައިނުވާ އަދި އެ މުއްދަތަށް ޖީ.އެސް.ޓީ ދައްކާފައިނުވާ ފަރާތްތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކާއި ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރާ ފަރާތްތަކުގެ މައުލޫމާތެވެ. ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކިފަހަރު މަތިން ފޯނުން ގުޅާ، އަދި ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުތައް ވަނީ ކިޔާދެވިފައެވެ. މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެންގުމުގެ މަސައްކަތްކޮށް ފޯނުން ނުގުޅުނު ވިޔަފާރިތަކަށް މީރާގެ ޓީމުތަކުން ވަނީ ޒިޔާރަތް ކޮށްފައެވެ.

2014 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅައި އަދި ޖީ.އެސް.ޓީ ނުދައްކާ ޓޫރިޒަމް ދާއިރާގެ 35 ފަރާތަކާއި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ 120 ފަރާތެއްގެ ނަން މީރާގެ ވެބްސައިޓް ގައި ވަނީ އާންމުކޮށްފައެވެ.  ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަދަ ފަރާތްތަކުގެ ނަން ވެބްސައިޓުގައިވާ ލިސްޓުން އުނިކުރެވޭނެކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

12-06-14