ވަޒީފާއާއި އެކު ސްކޮލަރޝިފްގެ ފުރުސަތު މީރާއިން ހުޅުވާލައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އެ އޮތޯރިޓީގައި އެސިސްޓަންޓް އޮފިސަރގެ މަގާމާއެކު 10 ފަރާތަކަށް އޭ.ސީ.ސީ.އޭ ސްކޮލަރޝިޕް ދިނުމަށް އިޢުލާން ކުރައްވާފައެވެ.

 މި ފުރުސަތު ހުޅުވާލައިފައިވަނީ މީރާއަކީ އޭ.ސީ.ސީ.އޭ އެޕްރޫވްޑް ޕްލެޓިނަމް ސްޓޭޓަސް އެމްޕްލޯޔަރަކަށް ވެފައި، އެކައުންޓިންގ ދާއިރާއިން ޕްރޮފެޝަނަލް މުވައްޒަފުންތަކެއް އުފެއްދުމުގެ މަޤުޞަދުގައިކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. މީރާގެ "ACCA ސްކޮލަރޝިޕް ސްކީމް" ގެ ދަށުން މި ދާއިރާއަށް ޝައުގުވެރިވާ އަދި މީރާގައި ވަޒީފާ އަދާކުރުމަށް ޝައުގުވެރިވާ 10 (ދިހަ) ފަރާތަކަށް، ރާއްޖޭގައި ތިބެގެން މީރާގައި ވަޒީފާ އަދާކުރަމުން ACCA އަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ސްކީމަށް ހޮވޭ ފަރާތްތަކުން ކިޔެވުމަށް ހަމަޖެހިފައިވަނީ މާލޭގައި، މީރާއިން ކަނޑައަޅާ ކޮލެޖެއްގައެވެ.

        ސްކޮލަރޝިޕާއި އެކު ދެވޭ މި ވަޒީފާ ހުޅުވާލެވިފައިވަނީ މީރާގައި އެސިސްޓަންޓް އޮފިސަރ ލެވެލްގެ މަގާމަށެވެ. އޭލެވެލް 2 މާއްދާއިން 'ސީ ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސްލިބިފައިވާ ފަރާތްތަކުގެ ތެރެއިން އޭ.ސީ.ސީ.އޭ ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ޖޫން 2014 ގެ 1600 ގެ ކުރިން މީރާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް މި އިއުލާނުގައި މީރާއިން ބާޔާންކުރައްވާފައިވެއެވެ.

        މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް ސްކޮލަރޝިޕް ނިންމުމަށްފަހު މީރާގެ މުވައްޒަފުންގެ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތަށް މީރާއަށް ޚިދުމަތްކުރުމުގެ ބޮންޑު ފުރިހަމަކުރުމަށް އިގުރާރުވާން ޖެހޭނެކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން hr@mira.gov.mv އަށް އީމެއިލް ކުރުމުން ނުވަތަ 1415 އަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެއެވެ.

10-06-14