2013 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެއްޖެ

ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ އަމިއްލަ ފަރުދުންނާއި، އެ ފަރާތެއްގެ ހިސާބު ކުރުމުގެ މުއްދަތު 31 ޑިސެމްބަރަށް ނިމޭ ފަރާތްތަކުން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނުގެ ދަށުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި، ބީ.ޕީ.ޓީ ގެ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ކައިރިވަމުން އަންނާތީ އެކަމަށް ހުރިހާ ޓެކްސްދައްކާ ފަރާތްތައް ސަމާލުވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސް ކުރައްވައިފިއެވެ. މީރާއިން މަޢުލޫމާތު ދެއްވާގޮތުގައި މި ފަރާތްތަކުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި، ފައިނަލް ޕޭމަންޓް ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2014 އެވެ.

        އަމިއްލަ ފަރުދުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނީ އެ ފަރާތަކަށް 2013 ވަނަ އަހަރު ލިބުނު ޖުމުލަ އާމްދަނީ 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއަށް އެރުން، ނުވަތަ 2013 ވަނަ އަހަރު ލިބުނު ޓެކްސް ބިނާ ކުރެވޭ ފައިދާ 500,000 (ފަސް ލައްކަ) ރުފިޔާއަށް އެރުން، މި ދެ ޝަރުތުން ކުރެ ޝަރުތެއް ހަމަވާނަމައެވެ. ނަމަވެސް ކުންފުނިތަކުން އެއްވެސް ވިޔަފާރިއެއް ނުކުރި ނަމަވެސް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ.

        ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން، ޖުމުލަ އާމްދަނީ 5 މިލިއަން ރުފިޔާއަށް ނާރާ އަމިއްލަ ފަރުދުންނާއި، ޕާރޓްނަރޝިޕްތަކާއި ކުންފުނިތަކުން އެ ފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކުރަން ނުޖެހޭނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ. އަދި ޖުމުލަ އާމްދަނީ 5 މިލިއަން ރުފިޔާއިން ފެށިގެން މައްޗަށް ލިބިފައިވާނަމަ، އެ ފަރާތެއްގެ މާލީ ހިސާބުތައްމިރާގައި ރަޖިސްޓާރީ ކޮށްފައިވާ އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓްކޮށް، އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ.

        ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިރާގެ ހޮޓްލައިން 1415 އަށް ގުޅުމުން، ނުވަތަ މީރާގެ ސަޕޯޓް އީމެއިލް 1415@mira.gov.mv އަށް އީމެއިލް ކުރުމުން، ނުވަތަ މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ޒިޔާރަތްކުރުމުން މަޢުލޫމާތު ލިބިގެންދާނެކަމަށް މީރާއިން މަޢުލޫމާތު ދެއްވައެވެ. 

02-06-14