ބަލައި ފާސްކުރާ އަމުރެއްގެ ދަށުން މީރާއިން ވިޔަފާރި ކުރާ ދެ ތަނެއް ބަލައި ފާސްކޮށްފި

ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން މީރާއިން މުޙައްމަދު ފައިސަލް (އައި.ޑީ ކާޑް ނަންބަރު: A007336) ގެ ވިޔަފާރި ކުރާ ދެ ފިހާރައަކަށް މިއަދު ވަދެ އެ ތަންތަން ބަލައި ފާސްކޮށްފިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރުނު ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން މީރާއިން މިއަދު ހެނދުނު ވަދެފައިވަނީ އައި.ޑަބްލިއު ބިލްޑަރސް ވެއަރ އަދި އައި.ޑަބްލިއު ހޯމްޕްރޯ އަށެވެ. މި ބަލައި ފާސްކުރުމުގައި މުޙައްމަދު ފައިސަލް ދައްކަންޖެހޭ ޓެކުހުގެ އަދަދު ހިސާބުކުރުމަށް ބޭނުން ކުރެވިދާނެކަމަށް ގަބޫލުކުރެވޭ ލިޔެކިޔުންތަކާއި ޓެކްސް ދައްކާ ފަރާތާއި ދެކޮޅަށް މީރާއިން ހިންގާ ޖިނާއީ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަކާއި ހެކީގެ ގޮތުގައި ޝަރީއަތަށް ހުށަހަޅަން ބޭނުންކުރެވިދާނެ ތަކެތި މީރާގެ ޓީމުތަކުން ވަނީ މީރާގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް ވެސް މީރާއިން މައުލޫމާތު ދެއްވައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބަލައި ފާސްކުރުމުގެ އަމުރަކަށް މީރާއިން އެދިފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މި މާއްދާގައި ބަޔާންކޮށްފައިވާގޮތުގައި ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކު ކުރެވޭނަމަ ނުވަތަ އެ ފަދަ ކުށެއް ކޮށްފާނެކަމަށް ޝައްކު ކުރެވޭނަމަ، އަދި އެ ފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސްއާ ގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއިން ޤަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެ ވަގުތު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެއެވެ.

މުޙައްމަދު ފައިސަލްގެ ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރަން ޖެހުނީ މުޙައްމަދު ފައިސަލް މީރާއިން ކޮށްފައިވާ ކޮމްޕްލަޔަންސް ޒިޔާރަތްތަކުގައި މީރާގެ މުވައްޒަފުންނަށް އެއްބާރުލުން ނުދިނުމުންނާއި، މީރާއިން އެ ފަރާތް އޮޑިޓްކުރުމަށް ލިޔެކިޔުންތައް ހުށަހެޅުމަށް އެދުމުން ލިޔެކިޔުންތައް ބަލަހައްޓާފައިނުވާ ކަމަށް ބުނެ އޮޑިޓަށް ހުރަސް އަޅާފައިވުމުގެ އިތުރުން 2011 އަދި 2012 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅާފައި ނުވުމުން، މުޙައްމަދު ފައިސަލް ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތްކުރާކަމުގެ ތުހުމަތުގައެވެ.

29-05-14