1 ޖޫން 2014 އިން ފެށިގެން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ފޯރުކޮށްދެމުންދާ ބައެއް ޚިދުމަތްތައް ފޯރުކޮށް ދިނުމުގެ ކުރިން ޚިދުމަތް ހޯދާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެއްވެސް ފައިސާ އެއް ދައްކަންޖެހި ނުދައްކައިވާ ފަރާތެއްތޯ ބެލުމަށްފަހުގައިމެނުވީ، އެފަދަ ފަރާތްތަކަށް ބައެއް ޚިދުމަތްތައް ނުދިނުމަށް ހަމަޖައްސައިފިއެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިން މި މޭމަހުގެ 25 ވަނަ ދުވަހު ޢާއްމުކުރި އިޢުލާނުގައި ވާގޮތުން، މި އުސޫލުގެ ދަށުން ހުއްޓާލެވޭ ޚިދުމަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުން، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނައުމަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުން، ބިޒްނަސް ވިސާ ދޫކުރުން، އެކި ފަރާތްތަކުން ސްޕޮންސަރކޮށްގެން ރާއްޖެއަށް އެތެރެވާ ބިދޭސީންނަށް ހުއްދަ ދިނުން އަދި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެނައުމުގެ ކުރިން ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ބެހެއްޓޭ ފައިސާ ރީފަންޑުކުރުން ހިމެނެއެވެ.
މީރާއިން މައުލޫމާތު ދެއްވާ ގޮތުގައި ފައިސާ ނުދައްކާ ފަރާތްތަކާމެދު މިފަދަ ފިޔަވަޅު އެޅޭނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚުތަކުގައި ނުދެއްކުމާއި ގުޅިގެން، މީރާއިން އެ ފަރާތަށް ފޮނުވަން ޖެހޭ ހުރިހައި ނޯޓިސްތައް ފޮނުވައި، ފައިސާ ދެއްކުމަށްދެވޭ އިތުރު ފުރުސަތުތަކުގެ ތެރޭގައި ފައިސާ ދައްކައިފައިނުވާ ނުވަތަ ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައިސްފައި ނުވާ ފަރާތްތަކާއި ދައުލަތަށް ފައިސާ ދައްކައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ހޯދައި ނުފެނިފައިވާ ފަރާތްތަކާ މެދުގައެވެ. އަދި މި ފިޔަވަޅު އަޅައިފައިވާ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ އެ ފަރާތަކާމެދު އެޅިފައިވާ ފިޔަވަޅު ވަގުތުން ނިމުމަކަށް ގެނެވޭނެކަމަށް ވެސް މީރާއިން މައުލޫމާތު ދެއްވައެވެ.
ވީމާ، މީރާއަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކައިވާ ފަރާތެއްވާނަމަ، މިކަމަށް ދުރާލާ ސަމާލުކަން ދެއްވުމަށާއި، ދައުލަތަށް ދައްކަންޖެހޭ ފައިސާ ޤަވާޢިދުން ދައްކަމުން ގެންދިއުމަށް ޓެކްސް ދައްކާ ފަރާތްތަކަށް އެ އޮތޯރިޓީން އިލްތިމާސް ކުރައްވައެވެ.