1 މޭ އިން ފެށިގެން މުވާޞަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގުން

2 އޮކްޓޫބަރު 2011 އިން ފެށިގެން ޢަމަލުކުރަމުން އަންނަ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ފެބުރުވަރީ 2014 ގައި ގެނެވުނު އިސްލާހާ ގުޅިގެން، ޖީ.އެސް.ޓީ ދެއްކުމުން މީގެ ކުރިން އިސްތިސްނާކޮށްފައިވާ މުވާޞަލާތީ ޚިދުމަތްތަކުން 1 މޭ 2014 އިން ފެށިގެން ޖީ.އެސް.ޓީ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކުން 1 މޭ 2014 ގެ ފަހުން މުވާޞަލާތީ ޚިދުމަތެއް ފޯރުވައިދޭނަމަ އެ ޚިދުމަތެއްގެ އަގުގެ މައްޗަށް ޖީ.އެސް.ޓީ ނަގަން ލާޒިމުވާނެއެވެ. ޚިދުމަތް ފޯރުވައިދޭ ތަނަކީ ޓޫރިޒަމް ދާއިރާގެ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ތަނެއް ނަމަ، އެ ތަނަކުން ފޯރުވައިދޭ މުވާޞަލާތީ ޚިދުމަތަށް ޖީ.އެސް.ޓީ ނަގަންޖެހޭނީ %8 ގައެވެ. އެނޫން އެހެން ފަރާތްތަކުން ޖީ.އެސް.ޓީ ނަގަންވާނީ %6 ގައެވެ. މިގޮތުން ޖީ.އެސް.ޓީ ނެގޭނެ މުވާޞަލާތީ ޚިދުމަތްތަކުގެ ތެރޭގައި ފޯން ކާޑް، އިންޓަރނެޓްގެ ޚިދުމަތް، ޕޯސްޓް ޕެއިޑް ޚިދުމަތް، އެސް.އެމް.އެސް ޕެކެޖް އަދި އިތުރު ވެލިއު އެޑެޑް ޚިދުމަތްތައް ހިމެނެއެވެ.

މުވާސަލާތީ ޚިދުމަތްތަކުން ޖީ.އެސް.ޓީ ނެގޭނީ ޚިދުމަތް ބޭނުންކުރާ ކޮންމެ ފަހަރަކު ނޫނެވެ. ޖީ.އެސް.ޓީ ދައްކަން ޖެހޭނީ ފައިސާ ދައްކާ ވަގުތުގައެވެ. މާނައަކީ ފޯން ކާޑަށް ޖީ.އެސް.ޓީ ދައްކަން ޖެހޭނީ ފޯން ކާޑު ގަންނަ ވަގުތު އަދި ޕޯސްޓް ޕެއިޑް ޚިދުމަތަށް ޖީ.އެސް.ޓީ ދައްކަން ޖެހޭނީ ބިލުގެ އަދަދުގެ މައްޗަށެވެ.

30-04-14