ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ޓެކުހަށް އަހުލުވެރިކުރުމަށް މީރާގެ ޓީމުތަކެއް އަތޮޅުތަކަށް ފުރަނީ

ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ޓެކުހަށް އަހުލުވެރިކުރުމުގެ ގޮތުން މީރާގެ ޓީމުތަކެއް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ބ، ޅ، ތ އަދި ލ އަތޮޅަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުތަކުގައި މީރާގެ ޓީމުތައް ޒިޔާރަތްކުރާނީ ބ. އޭދަފުށި، ޅ. ހިންނަވަރު، ޅ. ނައިފަރު، ޅ. ކުރެންދޫ، ތ. ހިރިލަންދޫ، ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ތ. ބުރުނީ، ލ. ދަނބިދޫ، ލ. އިސްދޫ-ކަލައިދޫ، ލ. ގަން، ލ. ކައްދޫ އަދި ލ. ފޮނަދޫ އަށެވެ. މީރާގެ ޓީމުތަކުން ކުރާ މި ދަތުރުތަކުގައި ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ފަރުދުން އަދި ސުކޫލުތަކުގެ ދަރިވަރުންނަށް ޓެކުހާ ގުޅޭ މުހިއްމު މައުލޫމާތު ދިނުމަށް ބައްދަލުވުންތައް ބޭއްވުމާއި، ވިޔަފާރިތަކުން އަމަލުކުރަމުންދަނީ ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށް ކޮމްޕްލަޔަންސް ޒިޔާރަތް ކުރުމާއި، ވިޔަފާރިތައް އޮޑިޓްކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކުގެ އައު ޓިން ހިމެނޭ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.

            މީރާގެ ޓީމުތައް ކޮންމެ ރަށެއްގައި މަދުވެގެން އެއް ހަފްތާ ހޭދަ ކުރާނެއެވެ. މި މުއްދަތުގެ ތެރޭގައި މި ރަށްތަކުގެ ވިޔަފާރިވެރިންނާއި އާންމު ފަރުދުން ޓެކުހާ ގުޅޭ އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ މި ފުރުސަތުގެ ބޭނުން ހިފައި، މީރާގެ ޓީމުތަކާއި ބައްދަލުކުރުމަށް މި އޮތޯރިޓީން އިލްތިމާސްކުރަމެވެ. 

06-02-14