މީރާއިން '1415 ޝޯވް' ނަމުގައި އޮންލައިން ޝޯވް އެއް ތައާރަފުކޮށްފި

ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ޓެކުހާ ބެހޭ މައުލޫމާތު ފޯރުވައިދިނުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓީ.ވީ އަދި ވިޝުއަލް ރޭޑިއޯ ޕްރޮގްރާމުތައް ބަލަން ދަތިވާ ފަރާތްތަކާއި، އަމިއްލަ ވަގުތުގައި ފަސޭހަގޮތުގައި މައުލޫމާތު ލިބިގަތުމަށް ބޭނުންވާ ފަރާތްތަކަށް ޙާއްޞަކޮށްގެން މީރާއިން '1415 ޝޯވް' ގެ ނަމުގައި އޮންލައިން ޝޯވްއެއް ތައާރަފްކޮށްފިއެވެ. މި ޝޯވް އަކީ މީރާގެ މުވައްޒަފުން އިން-ހައުސްކޮށް ތައްޔާރުކޮށް ހުށަހަޅައިދޭ ޝޯވްއެކެވެ.

މި ޝޯވްގައި ޓެކުހާ ގުޅޭ ތަފާތު މައުލޫމާތުގެ އިތުރުން، އެ ދުވަސްވަރެއްގައި މީރާއިން ކުރަމުންދާ މުހިއްމު ކަންތައްތަކުގެ މައުލޫމާތު އަދި ކައިރިވަމުންދާ މުހިއްމު ސުންގަޑިތަކުގެ މައުލޫމާތު ހިމެނޭނެއެވެ. މިއަދު ތައާރަފްކުރެވުނު މި ޝޯވްގެ ފުރަތަމަ އެޕިސޯޑުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދު ވަނީ 2014 ވަނަ އަހަރު މީރާއިން ހާސިލްކުރަން ބޭނުންވާ ކަންތައްތަކަށް އަލިއަޅުއްވައި ވާހަކަފުޅު ދައްކަވައިފައެވެ. މީރާގެ ވެބްސައިޓް www.mira.gov.mv ގައި ތައާރަފްކޮށްފައިވާ 15 މިނެޓުގެ މި އޮންލައިން ޝޯވް ހުރިހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު އޮންލައިންކޮށް ބެލޭނެއެވެ. އަދި މި ޕްރޮގްރާމްގެ އެޕިސޯޑެއް ކޮންމެ މަހަކު ނެރެވޭނެއެވެ.

30-01-14