2013 ވަނަ އަހަރުގެ ބީ.ޕީ.ޓީ ގެ ދެވަނަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑިއާއި ގުޅިގެން މީރާއިން ޚާއްސަ ހަރަކާތްތަކެއް ހިންގަނީ

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2013 ގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚުކަމުގައިވާ 31 ޖަނަވަރީ 2014 ގެ ކުރިން ފައިސާ ދައްކައި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމަށް ޓެކްސް ދައްކާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން މީރާއިން ޚާއްސަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

މި ސުންގަޑިއާ ގުޅިގެން މީރާއިން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި މި މަހުގެ 25 އަދި 26 ވަނަ ދުވަހު ހެދުނު 09:00 އިން 16:00 އަށް މާލޭގެ ތަފާތު ސަރަހައްދުތަކުގައި އިންފޮމޭޝަން ޑެސްކުތަކެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން، 25 އަދި 26 ވަނަ ދުވަހު މާލޭގެ ނޯރތު ހާބަރު ސަރަހައްދު އަދި އެސް.ޓީ.އޯ ޓްރޭޑް ސެންޓަރގެ އިތުރުން 26 ވަނަ ދުވަހުގައި ވެލާނާގެ އިމާރާތުގައި އިންފޮމޭޝަން ޑެސްކުތަކެއް ބެހެއްޓޭނެއެވެ. މާލޭގެ ތަފާތު ސަރަހައްދުތަކުގައި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ، ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާގުޅޭ މައުލޫމާތު ވީހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމެވެ. މިގޮތުން މި އިންފޮމޭޝަން ޑެސްކުތަކުން ޓެކުހާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ބީ.ޕީ.ޓީ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ފުރުމުގައި އެހީތެރިކަން ފޯރުވައިދޭނެއެވެ.

 2013 ވަނަ އަހަރުގެ އެންމެ ފަހު ކުއާރޓަރގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ 28 ޖެނުއަރީ 2014 ކަމަށާއި، އަދި ޓެކްސް އަހަރު 2013 ގެ ބީ.ޕީ.ޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓް ދައްކަންޖެހޭ ސުންގަޑިއަކީ 31 ޖެނުއަރީ 2014 އެވެ. ވީމާ، ޖެނުއަރީ މަހުގެ އެންމެ ފަހު ހަފްތާއަކީ ގިނަ ފަރާތްތަކަކުން ޓެކްސް ދައްކަން އަންނާނެ ހަފްތާއެއްކަމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި ދުރާލާ މި ސުންގަޑި ތަކަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކުރައްވައެވެ.

23-01-14