މީރާއިން 'ކަށިގަނޑު ފުމެލުން' މި ނަމުގައި ކެމްޕެއިނެއް ފަށައިފި

ޓެކުހާގުޅޭ ޤާނޫނުތަކުގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރާ ނުވަތަ ކުރުމަށް މަސައްކަތްކުރާ އަދި މި ފަދަ ކުށެއް ކުރުމަށް މީހަކަށް އެހީތެރިވެދޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް މީރާއިން 'ކަށިގަނޑު ފުމެލުން' މި ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

ޓެކްސް ދެއްކުމުން އެއްކިބާވުމަށް ކުރެވޭ ކަންތައްތަކުގެ ތެރޭގައި އެއްވެސް ޓެކްސް ބަޔާނެއްގައި ދޮގު މަޢުލޫމާތު ހިމެނުން، އެއްވެސް އާމްދަނީއެއް ނުވަތަ ފައިދާއެއް ޓެކްސް ބަޔާނުގައި ނުހިމަނައި ދޫކޮށްލުން، ގަވާއިދުތަކާއި އެއްގޮތަށް މީރާ އަށް ހިސާބުތައް ނުދެއްކުން ފަދަ ޢަމަލުތައް ހިމެނެއެވެ. އަދި މި ފަދަ ޢަމަލުތަކަކީ ކުށްކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ޓެކުހާގުޅޭގޮތުން އެއްވެސް ފަރާތަކުން ކުށެއް، އޮޅުވާލުމެއް ނުވަތަ މަކަރެއް ހަދަމުންދާކަމަށް ޝައްކުކުރެވޭނަމަ އެ މައުލޫމާތު މީރާ އާ ހިއްސާކުރުމަށް މީރާގެ ވެބްސައިޓް  www.mira.gov.mvގައިވާ 'ކަށިގަނޑު ފުމެލުން' ޕޭޖް މެދުވެރިކޮށް ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅޭނެއެވެ. މި ފަދަ މައުލޫމާތު މީރާ އާ ހިއްސާކުރާ ފަރާތަކުން އެ ފަރާތެއްގެ މައުލޫމާތު މީރާއަށް ދޭން ނުޖެހޭނެއެވެ. އަދި އެ ފަރާތެއްގެ މައުލޫމާތު މީރާއަށް ދިންކަމުގައި ވިނަމަވެސް ޤާނޫނަކުން ލާޒިމްނުކުރާހާ ހިނދެއްގައި އެ މައުލޫމާތު އެހެން ފަރާތަކާ ހިއްސާ ނުކުރެވޭނެއެވެ. ޓެކުހަށް މަކަރު ހެދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މައުލުމާތު ހޯދައި، ރާއްޖޭގައި ގާއިމްކުރެވިފައިވާ ޓެކުހުގެ ނިޒާމަކީ ހަރުދަނާ ނިޒާމަކަށް ހެދުމަށް މީރާއިންކުރަމުންދާ މަސައްކަތުގައި އާންމުންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް މީރާއިން އުންމީދުކުރެއެވެ.

26-12-13