ޓެކުހަށް ނުވާ ފައިސާއާ ގުޅޭ މައްސަލަތައް ޓެކްސް އެޕީލް ޓްރައިބިއުނަލަކަށް ނުބެލޭނެ: ހައި ކޯޓު

ޓެކުހަށް ނުވާ ފައިސާއާ ގުޅޭ މައްސަލަތައް ބެލުމުގެ އިޙްތިޞާޞް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

ހައި ކޯޓުން މި ގޮތަށް ނިންމެވީ އަމާނާ ތަކާފުލް (މޯލްޑިވްސް) ޕލކ އިން 23 ޖަނަވަރީ 2013 ގައި މީރާއަށް ރައްދުވާ ގޮތަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީއާ ގުޅޭ މައްސަލައިގައި މީރާއިން ނެގި އިޖުރާޢީ ނުކުތާއަށް ޓްރައިބިއުނަލުން ނިންމެވި ނިންމެވުން އިސްތިއުނާފުކޮށްދިނުމަށް އެދި މީރާއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހުގައެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން މި މައްސަލައިގައި އިޖުރާޢީ ގޮތުން ނިންމެވި ނިންމެވުމުގައި ވަނީ، އަމާނާ ތަކާފުލް އިން މީރާއަށް ދައްކަންޖެހޭ ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީ، ކަނޑައަޅައިފައިވާ މުއްދަތުގައި ދައްކައިފައިނުވާތީ އަރައިފައިވާ ޖޫރިމަނާއާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި އެ މައްސަލަ އިސްތިއުނާފުކުރެވިދާނެ ކަމަށެވެ.

ނަމަވެސް، ފޮރިން އިންވެސްޓްމަންޓް ރޯޔަލްޓީއަކީ ޓެކްސްގެ ގިންތީގައި ހިމެނޭ ބާވަތުގެ ފައިސާއަކަށް ނުވާތީއާއި، އެ ފައިސާއަކީ ދިވެހި ދައުލަތާއި އަމާނާ ތަކާފުލް އާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ނެގޭ އަގެއް ކަމުގައި ބެލެވޭތީއާއި، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެ މަތިން ނެގޭ ޓެކުހަކަށް ނުވާތީ، މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމުގައި ބެލެވެން ނެތްކަމަށް ހައި ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ސާފުބަހުން ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި އެހެނިހެން ކަންކަމަކީ އެ ޓްރައިބިއުނަލުގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫންކަމަށް އެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

އެހެން ކަމުން، ޓްރައިބިއުނަލުން ބެއްލެވި މައްސަލައިގައި މީރާއިން ނެގި އިޖުރާޢީ ނުކުތާއާމެދު ޓްރައިބިއުނަލުން ނިންމެވި ނިންމެވުން ބާޠިލުކުރައްވައި، އެ މައްސަލަ ޓްރައިބިއުނަލުގައި ކުރިއަށް ގެންދެވެން ނެތްކަމުގައި ހައި ކޯޓުން ޙުކުމް ކުރައްވައިފައިވެއެވެ. 

10-12-13