މީރާއިން ބޭނުން ކުރަމުންދާ "ޓިން" ތަކަށް ބަދަލު ގެނެސްފި

މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދޫކޮށްފައިވާ ޓެކްސްޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު (ޓިން) ބަދަލު ކުރެވިއްޖެއެވެ. މި ބަދަލު ގެނެވުނީ ޓެކްސް ދައްކާ ފަރާތްތަކަށް އަވަސް އަދި ފަސޭހަ ޚިދުމަތެއް ފޯރުވައިދިނުމުގެ ގޮތުން މީރާއިން އައު ޓެކްސް އެންޑް ރެވެނިއު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް، އެ ސިސްޓަމް މެދުވެރިކޮށް ޚިދުމަތް ދޭން ފެށުމާ ގުޅިގެންނެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ބަދަލުވެފައިވާ ޓިންގެ މައުލޫމާތު ފޯރުވައިދިނުމަށް މީރާއިން ވަނީ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އައު ޓިންއާ އެކީ ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ފެށިފައިވެއެވެ. މިގޮތުން މީރާގެ މުވައްޒަފުން ވަނީ މާލެ އަދި ކުޅުދުއްފުށީ ސަރަހައްދުގައި ވިޔަފާރި ކުރާ 2600 އަށްވުރެ ގިނަ ފަރާތްތަކަށް އެ ފަރާތްތަކުގެ އައު ޓިން ހިމެނޭ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މިހާތަނަށް އެ ފަރާތެއްގެ އައު ޓިން ލިބިފައިނުވާ ފަރާތްތަކުން މީރާއަށް ވަޑައިގަތުމުން އެފަރާތެއްގެ އައު ޓިން އަދި ސެޓްފިކެޓް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ވީމާ، އައު ޓިން ނުލިބި ވާ ހުރިހައި ފަރާތްތަކުން ވެސް ލަސްނުކުރައްވާ މީރާއަށް ވަޑައިގެން، އައު ޓިން ހިމެނޭ ސެޓްފިކެޓް ނެންގެވުމަށް މި އޮތޯރިޓީން އިލްތިމާސް ކުރަމެވެ.

1 ޖެނުއަރީ 2014 އިން ފެށިގެން ޓެކްސް ދައްކާ ފަރާތްތަކުން ތައްޔާރުކުރާ ޓެކްސް އިންވޮއިސް، ބިލް އަދި ރަސީދުގައި ހިމެނިފައި ހުންނަން ޖެހޭނީ މިހާރު ދޫކުރަމުންދާ އައު ޓިންއެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި އަދި މީރާއާ އެކު ކުރެވޭ ހުރިހާ މުއާމަލާތްތަކުގައި ވެސް ބޭނުންކުރަންޖެހޭނީ އައު ޓިންއެވެ.

05-12-13