ނ. ބަނޑައިދިއްދޫގެ ކުލި އަދި ޖޫރިމަނާގެ ފައިސާ 2 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި

ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި ހއ. ދިއްދޫ / ޕިންކް ރޯސް މޫސާ ނަޞީރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާފައިވާ ނ. ބަނޑައިދިއްދޫގެ ކުލީގެ ގޮތުގައި ދައުލަތަށް ފައިސާ ނުދައްކައިގެން އޭނާގެ މައްޗަށް 29 ސެޕްޓެންބަރު 2011 ގައި މީރާއިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ޙުކުމް 24 ނޮވެމްބަރު 2013 ގައި ސިވިލް ކޯޓުން އިއްވަވައިފިއެވެ.

ސިވިލް ކޯޓުން އިއްވެވި ޙުކުމުގައި ނ. ބަނޑައިދިއްދޫގެ ކުއްޔާއި، ކުލި ދައްކަންޖެހޭ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ 24 ނޮވެމްބަރު 2013 އިން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން އެ މަހަކަށް ޖެހޭ ވަރު މޫސާ ނަޞީރު މީރާއަށް ދައްކައި ޚަލާސްކުރުމަށް އަންގަވައިފައިވެއެވެ. މި ގޮތުން، ނ. ބަނޑައިދިއްދޫގެ ކުލީގެ ގޮތުގައި އަދި ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ޖުމުލަ 9,061,442.50ރ. (ނުވަ މިލިއަން ފަސްދޮޅަސް އެއް ހާސް ހަތަރު ސަތޭކަ ސާޅީސް ދެ ރުފިޔާ ފަންސާސް ލާރި) ދައުލަތަށް ދައްކަން ޖެހިފައިވެއެވެ.

25-11-13