މީރާއިން ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާ ކޮށްފި

މީރާގެ މުވައްޒަފުން ހިންގާ މީރާ ކްލަބުން ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާކޮށްފިއެވެ. މި ޕްރޮގްރާމަކީ މީރާ ކްލަބާއި ކުޑަކުދިންގެ ހިޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

      އިއްޔެ ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ދިޔަ މި އިވެންޓުގައި މީރާގެ މުވައްޒަފުން ޑޮނޭޓް ކޮށްފައިވާ ތަކެތީގެ އިތުރުން، ކުޑަކުދިންގެ ހިޔާއަށް ބޭނުންތެރިކަމަށް ފާހަގަ ކުރައްވާފައިވާ ގިނަގުނަ ތަކެތި ހަދިޔާކޮށްފައިވެއެވެ. އަދި ހިޔާގެ ކުދިންނާއި އެކު ކުޅިވަރު ކުޅެ، ކުދިންނަށް ހަދިޔާ ބެހުމުގެ އިތުރުން ހިޔާގެ ކުދިންނަށާއި ސްޓާފުންނަށް މީރާ ކްލަބުގެ ފަރާތުން ހަވީރު ސައިވެސް އަރުވާފައިވެއެވެ. މި ޕްރޮގްރާމުގައި މީރާގެ ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރު، ސީނިއަރ މެނޭޖްމަންޓް އަދި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރި ވެފައިވެއެވެ.

      މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވެފައިވަނީ މި ޑޮނޭޝަނަކީ މީރާ ސްޓާފުން އެ ބޭފުޅުންގެ ފަރުދީ ޒިންމާއެއްކަމުގައި ދެކެ، ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އެހީވުމުގެ ނިޔަތުގައި ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއްކަމަށެވެ. އަދި ޑޮނޭޝަންގެ އިތުރުން ކިޔެވުމުގައި އެހީތެރިކަން ބޭނުންވާ ކުދިންނަށް މީރާގެ މުވައްޒަފުން އެހީތެރިވުމަށްވެސް ހަމަޖެހިފައިވާކަމަށް ކޮމިޝަރ ޖެނެރަލް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތަށާއި ހިޔާގެ ކުދިންނަކީ މުޖްތަމަޢުގައި ހަރުދަނާ ފަރުދުންނަށް ހެދުމަށް އެފަރާތްތަކުން ވެދެއްވާ އެހީ ފާހަގަ ކުރައްވައި ހިޔާގެ މުވައްޒަފުންނަށް ކޮމިޝަރ ޖެނެރަލް ވަނީ ޝުކުރު ދަންނަވާފައެވެ.

      މީރާ ކްލަބުގެ މި ޑޮނޭޝަން އިވެންޓަކީ އެ ކްލަބުން ހިންގާނެ ޑޮނޭޝަން ހަރަކާތްތަކުގެ ފެށުންކަމަށާއި، ކޮންމެ އަހަރަކުވެސް މިފަދަ އިވެންޓުތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މީރާ ކަލްބުން މަޢުލޫމާތު ދެއްވައެވެ.

      އިއްޔެ ބޭއްވުނު މި އިވެންޓް ކުރިއަށް ގެންދިއުމުގައި ކުޑަކުދިންގެ ހިޔާއިން މީރާ ކްލަބަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، މީރާ ކްލަބުން އެފަރާތްތަކަށް ޝުކުރު އަދާކުރައްވައެވެ.

23-11-13