ފުއާދު ޒާހިރާ ދެކޮޅަށް ދައުވާ ކުރުމަށް މީރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފި

ޓެކްސް ދެއްކުމުގައި މަކަރު ހެދުމާއި މީރާގެ އޮޑިޓަށާއި ތަހުޤީޤަށް ދަތިކޮށް ހުރަސްއެޅުމުގެ ތުހުމަތުގައި ގއ. ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްދިނުން އެދި މީރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.

މިއީ ޓެކުހާގުޅޭގޮތުން މީރާއިން ތަޙުޤީޤުކުރަމުންދާ މައްސަލަތަކުގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ފުރަތަމަ މައްސަލައެވެ.

ޓެކްސް ދެއްކުމުގައި ބޮޑު އޮޅުވާލުމެއް ހިންގަމުންދާކަމުގެ ތުހުމަތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން 25 ޑިސެމްބަރ 2012 ވަނަ ދުވަހު ފުއާދު ޒާހިރުގެ އަދި ފުއާދު ޒާހިރު ހިއްސާވާ ދެ ކުންފުންޏެއްގެ ފިހާރަތަކާއި އޮފީސްތަކަށް މީރާއިން ވަދެ، އެ ތަންތަނުން ހޯދުނު މައުލޫމާތުތަކުންނާއި، ދައުލަތުގެ އިދާރާތަކުންނާއި އާންމު ފަރާތްތަކުން ހޯދުނު މައުލޫމާތުތަކުން، ފުއާދު ޒާހިރު ހުށަހަޅައިފައިވާ ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާކަން ތަހުޤީޤަށް ޔަގީންކުރެވިފައިވެއެވެ. އަދި ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ބައެއް މުއްދަތުތަކަށް ފުއާދު ޒާހިރު ޓެކްސް ބަޔާން ހުށަހަޅައިފައި ނުވާކަންވެސް ފާހަގަ ކުރެވެއެވެ.

މީރާގެ މުވައްޒަފަކު ކުރާ މަސައްކަތަށް ހުރަސް އަޅާ، ބާރުގެ ބޭނުންކޮށް، ރިޝްވަތު ދީ، ލިޔުމަކުން ނުވަތަ އަނގަބަހުންވިޔަސް ބިރުދެއްކުންފަދަ ގޮތަކުން ނުފޫޒު ފޯރުވާ، އަދި އެނޫންވެސް ގޮތަކުން އެކަމުގައި ބައިވެރިވެ އަދި އެކަމަށް އެހީތެރިވުމުގެ އަދަބަކީ 2 ލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން، ނުވަތަ 3 މަސްދުވަހާ 3 އަހަރުދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން، ނުވަތަ މި ދެ އަދަބު އެކުގައި ދިނުމެވެ. މީގެ އިތުރުން ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމެނުމާއި ޓެކްސް ބަޔާން ހުށަނޭޅުމުގެ އަދަބަކީ 3 މަސްދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

20-11-13