2013 ގެ ތިންވަނަ ކުއާރޓަރުގެ އާމްދަނީގެ ގޮތުގައި 2.40 ބިލިއަން ރުފިޔާ ލިބިއްޖެ

2013 ވަނަ އަހަރުގެ ތިންވަނަ ކުއާރޓަރުގެ އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.40 (ދޭއް ޕޮއިންޓް ހަތަރެއް) ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ. މި އަދަދަކީ 2012 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވާ އަދަދާއި އަޅާ ބަލާއިރު %7.7 އިތުރު އަދަދެކެވެ. އަދި މިއީ މި ކުއާރޓަރުގައި ލިބޭނެކަމަށް އަންދާޒާކުރެވިފައިވާ އަދަދަށްވުރެ %2.6 އިތުރު އަދަދެކެވެ. އަދި މި އާމްދަނީގެ %89.5 ލިބިފައިވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ޓޫރިޒަމް ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުންނެވެ.

މި އަހަރުގެ ތިންވަނަ ކުއާރޓަރުގައި ލިބިފައިވާ އާމްދަނީގެ %51.7 ލިބިފައިވަނީ ރުފިޔާއިންނެވެ. މިއީ މި ކުއާރޓަރުގެ ތެރޭގައި ބީ.ޕީ.ޓީގެ ސުންގަޑިއެއް އައުމާއި އަދި ގިނަ އަދަދެއްގެ ފަރާތްތަކުން ބީ.ޕީ.ޓީ ދައްކާފައިވަނީ ރުފިޔާއިންކަމަށްވާތީއެވެ. މި ކުއާރޓަރުގެ %48.3 ލިބިފައިވަނީ އެމެރިކާ ޑޮލަރުންނެވެ. މިގޮތުން ޖުމްލަ 75.69 (ހަތްދިހަ ފަހެއް ޕޮއިންޓް ހައެއް ނުވައެއް) މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

މި އަހަރުގެ ތިންވަން ކުއާޓަރުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. ޖީ.އެސް.ޓީން ޖުމްލަ 775.6 (ހަތް ސަތޭކަ ހަތްދިހަ ފަހެއް ޕޮއިންޓް ހައެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީންނެވެ. ބީ.ޕީ.ޓީން ޖުމުލަ 711.3 (ހަތް ސަތޭކަ އެގާރަ ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މާދަމައަކީ ޖީ.އެސް.ޓީގެ މުހިއްމު ސުންގަޑިއެކެވެ. މިގޮތުން 28 އޮކްޓޫބަރު 2013 އަކީ މަހުން މަހަށް ޖީ.އެސް.ޓީ ދައްކާ ފަރާތްތަކުގެ ސެޕްޓެމްބަރު މަހުގެ ސުންގަޑިއެވެ. އަދި ތިންމަހުން އެއްމަހު ޖީ.އެސް.ޓީ ދައްކާ ފަރާތްތަކުގެ ތިންވަނަ ކުއާރޓަރުގެ ސުންގަޑިއެވެ.

27-10-13