ކާޓާގެ 34ވަނަ އެނުއަލް ޓެކްނިކަލް ކޮންފެރެންސްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ

ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) ގެ 34ވަނަ އެނުއަލް ޓެކްނިކަލް ކޮންފެރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް މީރާގެ އޮފިޝަލުން ރުވާންޑާގެ ކިގާލީއަށް ވަޑައިގެންފިއެވެ. އޮކްޓޫބަރު މަހުގެ 21 އިން 25 އަށް ކުރިއަށްދާ މި ކޮންފެރެންސްގައި ދިވެހިރާއްޖެ ތަމްސީލްކޮށްދެއްވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުޙައްމަދު ހިމެނޭ ގޮތަށް ތިން ބޭފުޅުންގެ ވަފުދެކެވެ.

މީގެ އިތުރުން، 25 އޮކްޓޫބަރު 2013 ގައި ކިގާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާޓާ މެނޭޖްމަންޓް ކޮމިޓީގެ ބައްދަލުވުމުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި މި ކޮމިޓީގައި ދިވެހިރާއްޖެ ތަމްސީލުކޮށްދެއްވާނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޔަޒީދު މުޙައްމަދެވެ. މި ކޮމިޓީއަށް ދިވެހިރާއްޖެ 3 އަހަރުގެ މުއްދަތަކަށް އިންތިޚާބުވެފައިވަނީ 2012 ވަނަ އަހަރު ބޭއްވުނު ކާޓާގެ 12 ވަނަ ޖެނެރަލް މީޓިންގުގައެވެ.

ކާޓާއަކީ ކޮމަންވެލްތު ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އުފައްދާފައިވާ ޖަމްއިއްޔާއެއްކަމަށާއި ދިވެހިރާއްޖެ ކާޓާއާއި ގުޅިފައިވަނީ 1998 ވަނަ އަހަރުގައެވެ.

22-10-13