މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުންތަކަށް އިއުތިރާޒުކުރުމުގެ ހައްގު ނުވަތަ އެފަދަ ނިންމުންތައް އިސްތިއުނާފުކުރުމުގެ ހައްގު އުފަންވާނީ މީރާއިން ފޮނުވާ އޮޑިޓް ނޯޓިސްއަކާ ގުޅިގެން މީރާއިން އަދަދެއް ކަނޑައެޅުމަށްފަހުކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ޙުކުމް ކުރައްވައިފިއެވެ.
ހައި ކޯޓުން މިގޮތަށް ނިންމެވީ މީރާއިން ޓްރެވަލް ލޭންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޑިސެމްބަރު 2012 ގައި ފޮނުވި އޮޑިޓް ނޯޓިސްއަކާ ގުޅިގެން، އެއީ ސައްހަ ނޯޓިސްއެއް ނޫން ކަމަށް ބުނެ އެ ކުންފުނީގެ ފަރާތުން މީރާއަށް ފޮނުވި ސިޓީއަށް މީރާއިން ދިން ޖަވާބު އިސްތިއުނާފުކުރުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެ ކުންފުނިން ހުށަހެޅުމުން، އެ މައްސަލައިގައި މީރާއިން ނެގި އިޖުރާޢީ ނުކުތާއަށް ޓްރައިބިއުނަލުން ނިންމި ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި މީރާއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވުމަށްފަހުގައެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން މި މައްސަލައިގައި އިޖުރާޢީ ގޮތުން ނިންމެވި ނިންމެވުމުގައި، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ބަޔާންކޮށްފައިވާ "މީރާގެ ނިންމުން" އަކީ ހަމައެކަނި މީރާއިން ހިންގާ އޮޑިޓެއް ކުރުމަށްފަހު ކަނޑައަޅާ އަދަދުކަމުގައި ބެލެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމުގައި ވެއެވެ.
ނަމަވެސް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "މީރާގެ ނިންމުން" ޓްރައިބިއުނަލުގައި އިސްތިއުނާފު ކުރުމުގެ ހާލަތު މެދުވެރިވާނީ މީރާއިން ފޮނުވާ އޮޑިޓް ނޯޓިސްއަކާ ގުޅިގެން މީރާއިން އަދަދެއް ކަނޑައަޅައި އެ ކަން ޓެކްސް ދައްކާ ފަރާތަށް އެންގުމަށްފަހުގައިކަމަށް ހައި ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން ފޮނުވާ އޮޑިޓް ނޯޓިސްއަކާ ގުޅިގެން މީރާއިން ހިންގާ އޮޑިޓަކަށްފަހު މީރާއިން ނިންމި ނިންމުމާމެދު ޓެކްސް ދައްކާ ފަރާތުން ހިތްހަމަނުޖެހޭނަމަ، އެ ނިންމުން ނިންމިތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ކަމަށް އިއުތިރާޒުކޮށް މީރާއަށް ހުށަހެޅުމަށްފަހު އެ އިއުތިރާޒާ ގުޅިގެން މީރާއިން ނިންމާ ނިންމުން އިސްތިއުނާފުކުރުމަށް ޓެކްސް ދައްކާ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭނެއެވެ.