ދައުލަތަށް ލިބެންޖެހޭ ޓެކުހަށް ނުވާ ފައިސާ ހޯދުމުގެ ބާރުވެސް މީރާއަށް ލިބިގެންވޭ: ހައިކޯޓު

ދައުލަތަށް ލިބެންޖެހޭ ޓެކުހަށް ނުވާ އެހެނިހެން ފައިސާ ނުދައްކާނަމަ އެފަދަ ފައިސާ ހޯދުމުގައި ޓެކްސް ނުދައްކާ ފަރާތްތަކާމެދު އަމަލުކުރާ އުސޫލުން ކޯޓުގައި ދައުވާކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމް ކުރައްވައިފިއެވެ.

 

ހައިކޯޓުން މި ގޮތަށް ނިންމެވީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހއ. ދިއްދޫ/ މުޝްތަރީގެ ޒުލައިޚާ ޙަފީޡާ އަށް ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ށ. އެކަސްދޫ ކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާފައި ނުވާތީ އެފަރާތާ ދެކޮޅަށް މީރާއިން ދަޢުވާކުރި މައްސަލައިގައި ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ޒުލައިޚާ ޙަފީޡާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވުމަށްފަހު އެ ޤަޟިއްޔާގައި އިއްވެވި ޙުކުމުގައެވެ. ހައިކޯޓަށް ޒުލައިޚާ ޙަފީޡާ ހުށައެޅި މައްސަލައިގައި، ޒުލައިޚާ ޙަފީޡާ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ދަޢުވާކުރުމުގެ ބާރު މީރާއަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި ދިނުމަށް އެފަރާތުން އެދިފައިވެއެވެ. 

 

ނަމަވެސް ހައިކޯޓުން ކުރެއްވި ޙުކުމްގައި ވަނީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ޓެކުހަށް ނުވާ އެހެނިހެން ފައިސާ ބަލައިގަތުމަކީވެސް މީރާގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ފައިސާއެއް ނުދައްކާ އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެފައިސާ ކޯޓުގައި ދަޢުވާކޮށްގެން މީރާއަށް ހޯދިދާނެކަން ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގައި ސާފު އިބާރާތުން ބަޔާންކުރެވިފައިވާކަމަށެވެ. އަދި ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށް ހައިކޯޓުގެ ޙުކުމުގައި ބަޔާންކުރައްވައިފައިވެއެވެ.

 

ހައިކޯޓުން ކުރެއްވި ހުކުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއެކު ވެފައިވާ ލީސް އެގްރިމެންޓްގެ ދަށުން ޒުލައިޚާ ޙަފީޘާ ކުއްޔަށް ހިފާފައިވާ ށ. އެކަސްދޫ ކިޔާ ފަޅުރަށުގެ ލީސް ރެންޓާއި، ލީސް ރެންޓު ކަނޑައެޅިފައިވާ ތާރީޚަށް ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 12,412,128/39ރ. (ބާރަ މިލިއަން ހަތަރުލައްކަ ބާރަހާސް އެއްސަތޭކަ އަށާވީސް ރުފިޔާ ތިރީސް ނުވަ ލާރި) އަކީ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް މީރާއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައިފައިވެއެވެ.

 

މީރާއަށް ބަލައިގަންނަ ޓެކުހަށް ނުވާ ފައިސާގެ ތެރޭގައި ރިޒޯޓު ކުއްޔާއި، ބިމު ކުއްޔާއި، އެކިއެކި ފީ އާއި، ރޯޔަލްޓީ އަދި އެހެނިހެން ފައިސާ ހިމެނެއެވެ.

02-10-13