މީރާގެ އޮފިޝަލުން ފިލިޕީންސްގެ ޓެކްސް އޮތޯރިޓީއަށް ޒިޔާރަތްކޮށްފި

ރަސްމީ ދަތުރެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނާއި މީރާގެ އޮފިޝަލުންގެ ޑެލިގޭޝަނެއް ޕިލިޕީންސްގެ ޓެކްސް އޮތޯރިޓީކަމުގައިވާ ބިއުރޯ އޮފް އިންޓަރނަލް ރެވެނިއު (ބީ.އައި.އާރ) އަށް ޒިޔާރަތްކޮށް ފިލިޕީންސްގެ ޓެކްސް ނިޒާމާއި، ބީ.އައި.އާރ އިން އެޤައުމުގެ ޓެކްސް ނިޒާމް ތަންފީޒުކުރުމުގައި އަމަލުކުރަމުންދާ އުސޫލުތަކާބެހޭ މަޢުލޫމާތު ހޯއްދަވައިފިއެވެ. މިގޮތުން ރީޖަނަލް އޮފީސް އެޑްމިނިސްޓްރޭޝަން، ޓެކްސްދައްކާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް، ބީ.އައި.އާރް ގެ އެންފޯސްމަންޓް އުސޫލުތައް، ޓެކުހާ ގުޅިގެން ކޯޓުތަކުގައި ނިންމާ ނިންމުންތައް އިސްތިއުނާފްކުރުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި، ބީ.އައި.އާރގެ ސްޓާފުންގެ ޓްރޭނިންގ އަދި ޑިވެލޮޕްމަންޓާބެހޭ މުހިންމު މަޢުލޫމާތުތަކެއް ބީ.އައި.އާރ އިން މީރާގެ އޮފިޝަލުންނާ ހިއްސާ ކުރައްވާފައިވެއެވެ. އަދި މި ޒިޔާރަތުން ރާއްޖޭގެ ޓެކްސް ނިޒާމާއި މީރާގެ ތަރައްޤީއަށް އެހީތެރިވެދޭނެ މުހިއްމު މަޢުލޫމާތުތަކެއް ލިބިފައިވެއެވެ. މީގެ އިތުރުން ފިލިޕީންސްގެ ކޯޓް އޮފް ޓެކްސް އެޕީލްސްއަށް ޒިޔާރަތް ކުރައްވައި، އެތަނުގެ ފަނޑިޔާރުންނާއި ބައްދަލުކުރައްވައި ފިލިޕީންސްގެ ޓެކުހާ ގުޅޭ ޤާނޫނީ ނިޒާމް ރާވާލެވިފައިވާ ގޮތުގެ މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

މިއީ މިސެޕްޓެމްބަރ މަހު 9 ން 13އަށް އެޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ ހިލޭ އެހީގެ ދަށުން ކުރެވުނު ރަސްމީ ދަތުރެކެވެ.

16-09-13