ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފައިފައިވާ ގަލޮޅު ބޯޅަދަނޑު 6 ނަންބަރު ފިހާރައާ ގުޅިގެން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކޮށްފި

       ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފައިފައިވާ ގަލޮޅު ބޯޅަދަނޑު 06 ނަންބަރު ފިހާރައިގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީ ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް 08 އޮކްޓޯބަރ 2012 ގައި މީރާއިން ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާގެ ޙުކުމް އިއްޔެ ސިވިލް ކޯޓުން އިއްވަވައިފިއެވެ.

       ސިވިލް ކޯޓުން އިއްވެވި ޙުކުމުގައި ގަލޮޅު ބޯޅަދަނޑު 06 ނަންބަރު ފިހާރައިގެ ކުއްޔާއި ކުލި ދައްކަންޖެހޭ ތާރީޚަށް ދައްކާފައި ނުވުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ 27 އޯގަސްޓް 2013 އިން ފެށިގެން 5 މަސްދުވަސްތެރޭގައި  ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރު މީރާއަށް ދައްކަމުންގޮސް އެ މުއްދަތުގެ ތެރޭގައި އެއްކޮށް ޚަލާޞްކުރަން ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަވާފައިވެއެވެ. މިގޮތުން، ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގަލޮޅު ބޯޅަދަނޑު 06 ނަންބަރު ފިހާރައިގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 352,682.90ރ (ތިންލައްކަ ފަންސާސް ދެހާސް ހަސަތޭކަ އަށްޑިހަ ދެރުފިޔާ ނުވަދިހަ ލާރި) އާއި ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ތާރީޚަށް ދައްކާފައިނުވާތީ އެއްބަސްވުން ބާޠިލްވި ތާރީޙު (31 އޮކްޓޯބަރ 2010) ގެ ނިޔަލަށް ކުރެވިފައިވާ ޖޫރިމަނާގެ 154,371.94ރ (އެއް ލައްކަ ފަންސާސް ހަތަރުހާސް ތިންސަތޭކަ ހަތްދިހަ އެއް ރުފިޔާ ނުވަދިހަ ހަތަރު ލާރި) އާއި އެކުޖުމްލަ 507,234.84ރ (ފަސްލައްކަ ހަތްހާސް ދުއިސައްތަ ތިރީސް ހަތަރު ރުފިޔާ އަށްޑިހަ ހަތަރު ލާރި) ދައްކަންޖެހި ނުދައްކައިވެއެވެ.

28-08-13