މީރާގެ 3ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި "ސްޓާފް ނައިޓެއް" ބާއްވައިފި

މީރާގެ 3ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުން އިސްނަގައިގެން 'ސްޓާފް ނައިޓް' އެއް ފާހަގަކޮށްފިއެވެ. މިއީ މީރާގެ މުވައްޒަފުންގެ ޚަރަދުގައި މުވައްޒަފުންގެ މަސައްކަތުން، މުވައްޒަފުންގެ ކާމީޔާބީތައް ފާހަކަކުރުމަށް ބޭއްވުނު ހަފްލާއެކެވެ. މިހަފްލާގެ ޝަރަފްވެރި މެހްމާނުގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރނަރ، ޑރ. ފަޒީލް ނަޖީބެވެ.

މިހަފްލާގައި ފާއިތުވި އަހަރު މީރާއިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކާއި ލިބިފައިވާ ކާމިޔާބީތަކަށް ބިނާކޮށް ރިޕޯޓެއް ހުށަހެޅުމާއި، 3ވަނަ އަހަރުގެ ތެރޭގައި އެކި ގޮތްގޮތުން ފާހަގަކޮށްލެވުނު މުވައްޒަފުންނަށް އިނާމު ދިނުމުގެ އިތުރުން، މުވައްޒަފުންގެ ތެރެއިން އެފަރާތްތަކުން ބައިވެރިވެފައިވާ ކޯހުން އެންމެ މަތީ ވަނަ ހާސިލްކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުންވެސް އެރުވުނެވެ. މީގެ އިތުރުން މިއަހަރުގެ ޖޫން މަހުގައި ފާހަގަކުރެވުނު 'ޓެކްސް ވީކް'ގައި ހުޅުވާލެވުނު ސްކޫލްކުދިންގެ ކުރެހުމުގެ މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދެވިފައިވެއެވެ.

މީގެ އިތުރުން މިހަފްލާގައި އޮންލައިންކޮށް ޓެކްސްބަޔާން ހުށައަޅައި ފައިސާ ދެއްކޭނެ ސިސްޓަމް ކަމުގައިވާ 'މީރާ ކަނެކްޓް' ރަސްމީކޮށް ލޯންޗްކުރުމާއި، މީރާއިން ނެރޭ ރިޕޯޓް، ޚަބަރު، ސިޓީ އަދި މިނޫންވެސް ހުރިހާ ލިޔެކިޔުންތަކެއްގައި ގެންގުޅޭ އިބާރާތްކުރުން އެއްގޮތް ކުރުމުގެގޮތުން ތައްޔާރު ކުރެވިފައިވާ 'މީރާ ސްޓައިލް ގައިޑް' އިފްތިތާހް ކުރުމާއި، މީރާއިން ކޮށްފައިވާ އެކި މަސައްކަތްތަކާއި ހާސިލްކޮށްފައިވާ އެކި ލަނޑުދަނޑިތަކާ ގުޅޭ ގޮތުން މީރާއިން އަދި ރާއްޖޭގެ އެކި އޮންލައިން ނޫސްތަކުގައި ޝާއިޢުކުރައްވާފައިވާ މީރާއާއި ގުޅޭ ޚަބަރުތައް ހިމަނައިގެން ތައްޔާރުކުރެވިފައިވާ 'މީރާ އިން ނިއުސް' މެގަޒިނެއްވެސް ނެރެފައިވެއެވެ.

ޝަރަފްވެރި މެޙެމާނުގެ ވާހަކަފުޅުގައި މީރާގެ ކާމިޔާބީތައް ފާހަގަކުރައްވަމުން މީރާއަކީ އެންމެ 3އަހަރުވީ ތަނެއްގެ ކަމުގައި ވީނަމަވެސް، ފޯރުވައިދޭ ޚިދުމަތްތަކުގެ ރަނގަޅުކަމުން ފެންނެނަނީ ވަރަށް ދޮށީ ތަނެއްގެ ގޮތުގައި ކަމަށް ފާހަގަކުރެއްވިއެވެ.

25-08-13