އިއްޔެ 1800 އަށްވުރެ ގިނަ ފަރާތްތަކަށް މީރާއިން ޚިދުމަތް ދީފި

ރޭ (28 ޖުލައި 2013) ދަންވަރު 12:00އާ ހަމައަށް މީރާއިން 1800އަށްވުރެ ގިނަ ޢަދަދެއްގެ ފަރާތަކަށް ޚިދުމަތް ދެވިފައިވެއެވެ. ޚިދުމަތް ހޯއްދެވުމަށް މީރާއަށް ޒިޔާރަތްކުރައްވާނެ ފަރާތްތަކުގެ ޢަދަދަށް ބަލައި، ފޯރުވައިދެވޭ ޚިދުމަތް އަވަސް ކުރުމުގެގޮތުން މީރާގެ އާންމުކޮށް ޚިދުމަތް ދެއްވާ ކައުންޓަރުތަކުގެ އިތުރަށް 20 ވަގުތީ ކައުންޓަރު ތައްޔާރު ކުރެވިގެން އެކައުންޓަރުތަކުންވެސް ޚިދުމަތް ދެވިފައިވެއެވެ. މިގޮތުން، އިއްޔެއަކީ 2013 ވަނަ އަހަރުގެ ދެވަނަ ކުއާރޓަރ އަދި ޖޫން 2013 ގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ. މީގެ އިތުރުން 31 ޖުލައި 2013 އަކީ 2013 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދައްކައި އިންޓަރިމް ސްޓޭޓްމަންޓް ހުށަހެޅުމުގެވެސް ސުންގަޑި އަންނަ ހަފްތާއެވެ. މީގެ އިތުރުން، މިއަދު (29 ޖުލައި 2013)އަކީ ރާއްޖޭގައި މިހާތަނަށް ވިޔަފާރިކުރައްވަމުން ގެންދަވާ ފަރާތްތަކުން، ޖޫރިމަނާއަކާނުލައި މީރާގައި ވިޔަފާރި ރަޖިސްޓްރީކުރެއްވޭނެ އެންމެ ފަހު ތާރީޚެވެ. އިއްޔެ އެކަނިވެސް 150އަށް ވުރެ ގިނަ ރަޖިސްޓްރޭޝަން އެޕްލިކޭޝަން މީރާއިން ބަލައިގެންފައިވެއެވެ. އަދި މިހާތަނަށް 15000އަށް ވުރެ  ގިނަ ފަރާތަކުން މީރާގައި ރަޖިސްޓްރީކުރައްވާފައިވެއެވެ.

އިއްޔެ 229 މިލިޔަނަށްވުރެ ގިނަ ރުފިޔާ މީރާއިން ބަލައިގެންފައިވެއެވެ. މިއީ ސީދާ މީރާއަށް ބަލައިގަނެވުނު ފައިސާގެ ޢަދަދެވެ. މީރާގެ ޢިތުރުންވެސް އަތޮޅު ކައުންސިލްތަކުން ފައިސާ ބަލައިގަނެފައިވެއެވެ.

މިހަފްތާއަކީ ގިނަ ޢަދަދެއްގެ ފަރާތްތަކެއް މީރާއިން ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާނެ ހަފްތާއެއްކަމުން، ފަހު ވަގުތު ޚިދުމަތް ހޯއްދަވާނަމަ، ޚިދުމަތް ލިބިވަޑައިގަތުމުގައާއި ޚިދުމަތް ފޯރުވައިދިނުމުގައި ދަތިތަކެއް ދިމާވާނެތީ، އެންމެ ފަހު ވަގުތަށް މަޑު ނުކުރައްވައި ކުރިއާލާ ޚިދުމަތް ހޯއްދެވުމަށް މީރާއިން އިލްތިމާސްކުރަމެވެ. 

29-07-13