2013 ވަނަ އަހަރުގެ ދެވަނަ ކުއާރޓަރގެ އާމްދަނީގެ ގޮތުގައި 2.14 ބިލިއަން ރުފިޔާ ލިބިއްޖެ

2013 ވަނަ އަހަރުގެ ދެވަނަ ކުއާރޓަރގެ އާމްދަނީގެ ގޮތުގައި މީރާއަށް 2.14 (ދޭއް ޕޮއިންޓް އެކެއް ހަތަރެއް) ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މި އަދަދަކީ 2012 ވަނަ އަހަރުގެ މިމުއްދަތުގައި ލިބިފައިވާ އަދަދާއި އަޅާ ބަލާއިރު %48 އިތުރު އަދަދެކެވެ. އަދި މިއީ މި ކުއާރޓަރގައި ލިބޭނެކަމަށް އަންދާޒާކުރެވިފައިވާ އަދަދަށްވުރެ %34.3 އިތުރު އަދަދެކެވެ. އަދި މިއާމްދަނީގެ %89 ލިބިފައިވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ޓޫރިޒަމް ޓެކްސް އަދި ބޭންކް ޕްރޮފިޓް ޓެކުހުންނެވެ.

މިއަހަރުގެ ދެވަނަ ކުއާރޓަރގައި ލިބިފައިވާ އާމްދަނީގެ %59.9 ލިބިފައިވަނީ އެމެރިކާ ޑޮލަރުންނެވެ. މިއީ ޖުމްލަ 83.8 (އަށްޑިހަ ތިނެއް ޕޮއިންޓް އަށެއް) މިލިއަން އެމެރިކާ ޑޮލަރެވެ. އަދި މިއީ 2012 ވަނަ އަހަރުގެ މިމުއްދަތުގައި އެމެރިކާ ޑޮލަރަން ލިބިފައިވާ އާމްދަނީއަށް ވުރެ %40.1 އިތުރު އަދަދެކެވެ. ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އިންނެވެ. އަދި މިޓެކުހުގެ ގޮތުގައި 41.8 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

މިއަހަރުގެ ދެވަނަ ކުއާރޓަރގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. ޖީ.އެސް.ޓީ އިން ޖުމްލަ 933.8 (ނުވަސަތޭކަ ތިރީސް އަށެއް ޕޮއިންޓް އަށެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ބީ.ޕީ.ޓީ އިންނެވެ. އަދި ބީ.ޕީ.ޓީ އިން ޖުމްލަ 391.5 (ތިންސަތޭކަ ނުވަދިހަ އެކެއް ޕޮއިންޓް ފަހެއް) މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިމަހުގެ ފަހު ހަފްތާއަކީ މުހިންމު ދެ ސުންގަޑިއެއް އަންނަ ހަފްތާއެކެވެ. މިގޮތުން 28 ޖުލައި 2013 އަކީ މަހުން މަހަށް ޖީ.އެސް.ޓީ ދައްކާ ފަރާތްތަކުގެ ޖޫން މަހުގެ އަދި ތިންމަހުން އެއްފަހަރު ޖީ.އެސް.ޓީ ދައްކާ ފަރާތްތަކުގެ ދެވަނަ ކުއާރޓަރގެ ސުންގަޑިއެވެ. މީގެ އިތުރުން، 31 ޖުލައި އަކީ 2013 ވަނަ އަހަރުގެ ބީ.ޕީ.ޓީ ގެ ފުރަތަމަ އިންޓެރިމް ދައްކަންޖެހޭ ސުންގަޑިއެވެ.

16-07-13