ވިޔަފާރިތައް ޖޫރިމަނާއަކާއި ނުލައި މީރާގައި ރަޖިސްޓަރީ ކުރުމުގެ ސުންގަޑި ކައިރިވެއްޖެ

ދިވެހި ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 15,144 (ފަނަރަ ހާސް އެއްސަތޭކަ ސާޅީސް ހަތަރެއް) ޓެކްސް ދައްކާ ފަރާތް 15 ޖުލައި 2013 އާ ހަމައަށް މީރާގައި ރަޖިސްޓަރީ ކޮށްފައިވެއެވެ. އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ޤަވާއިދުގެ ދަށުން ޖޫރިމަނާއަކާ ނުލައި ވިޔަފާރިތައް މީރާގައި ރަޖިސްޓަރީ ކުރެވޭނެ އެންމެ ފަހު ތާރީޚް ކަނޑައެޅުމާ ގުޅިގެން ގިނަ އަދަދެއްގެ ވިޔަފާރިތައް މިހާރު މީރާގައި ރަޖިސްޓަރީ ކުރަމުން ދެއެއެވެ.

މިގޮތުން ހަމައެކަނި ޖުލައި މަހުގެ މިހާތަނަށްވެސް 88 އަމިއްލަ ފަރުދުންނާއި 26 ކުންފުނި އަދި އެހެނިހެން ފަރާތްތައް މީރާގައި ރަޖިސްޓަރީ ކޮށްފައިވެއެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ޤަވާއިދުގެ ދަށުން މިހާރު ވިޔަފާރި ކުރަމުން ގެންދާ ފަރާތްތަކުން 29 ޖުލައި 2013 ގެ ނިޔަލަށް އެފަރާތެއްގެ ވިޔަފާރި މީރާގައި ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. އަދި ވިޔަފާރި މީރާގައި ރަޖިސްޓަރީ ނުކުރާ ފަރާތްތައް ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާއިދުގެ ދަށުން، ދުވާލަކަށް 50 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ވާގޮތުން ވަޒީފާ އަދާކުރުން ފިޔަވައި މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ މަޤްސަދުގައި ހިންގާ އެންމެހާ ހަރަކާތްތައް ބެލެވެނީ ވިޔަފާރީގެ ގޮތުގައެވެ. މީގެ ތެރޭގައި ގޯތިގެދޮރު ކުއްޔަށްދީގެން އާމްދަނީ ހޯދުންވެސް ހިމެނެއެވެ. މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުން މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމަށް MIRA 101 ފޯމު ފުރިހަމަ ކުރުމަށްފަހު މި އޮތޯރިޓީއަށް ނުވަތަ އަތޮޅުތެރޭގައިނަމަ އެ އަތޮޅެއްގެ އަތޮޅު ކައުންސިލަށް ހުށަހެޅުމަށް މި އޮތޯރިޓީއިން އިލްތިމާސް ކުރަމެވެ.  

15-07-13