އާމްދަނީގެ ގޮތުގައި ޖޫން މަހު 999.4 މިލިޔަން ރުފިޔާ މީރާއަށް ބަލައިގެންފި

އާމްދަނީގެ ގޮތުގައި ޖޫން މަހު 999.4 (ނުވަސަތޭކަ ނުވަދިހަ ނުވައެއް ޕޮއިންޓް ހަތަރެއް) މިލިޔަން ރުފިޔާ މީރާއަށް ވަނީ ބަލައިގަނެވިފައެވެ. އަދި ޖެނުއަރީ 2013 އިން ފެށިގެން ޖޫން 2013 ގެ ނިޔަލަށް 4.6 (ހަތަރެއް ޕޮއިންޓް ހައެއް) ބިލިޔަން ރުފިޔާ ބަލައިގަނެވިފައިވެއެވެ.

ޖޫން 2013 ގައި ބަލައިގަނެވުނު 999.4 (ނުވަސަތޭކަ ނުވަދިހަ ނުވައެއް ޕޮއިންޓް ހަތަރެއް) މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ ޖޫން މަހު ބަލައިގަނެވުނު އާމްދަނީއަށް ވުރެ %72.6 އިތުރު ޢަދަދެކެވެ. އަދި މިއީ މިމަހު ލިބޭނެކަމަށް އަންދާޒާކުރެވުނު އާމްދަނީއަށްވުރެ %65.2 އިތުރު ޢަދަދެކެވެ. އަންދާޒާކުރި ޢަދަދަށްވުރެ އިތުރަށް އާމްދަނީ ލިބުމުގެ މައިގަނޑު ސަބަބަކީ ބީ.ޕީ.ޓީ ގެ ފައިނަލް ޕޭމަންޓުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވުނު އަދަދަށްވުރެ އިތުރަށް ފައިނަލް ޕޭމަންޓުގެ ފައިސާ ލިބުނެވެ. 

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ޖޫން މަހުގައި ޖުމްލަ 286.8 (ދުއިސައްތަ އަށްޑިހަ ހައެއް ޕޮއިންޓް އަށެއް) މިލިޔަން ރުފިޔާ ލިބިފައިވާއިރު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގޮތުގައި ޖުމްލަ  228.2 (ދުއިސައްތަ އަށާވީސް ޕޮއިންޓް ދޭއް) މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ޖުމްލަ 233.7 (ދުއިސައްތަ ތިރީސް ތިނެއް ޕޮއިންޓް ހަތެއް) މިލިޔަން ރުފިޔާ މިރާއަށް ބަލައިގަނެވިފައިވެއެވެ.

13-07-13