ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓް ދައްކަން ބަޔާން ހުށަހެޅުމުގެ ސުންގަޑި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 30 ޖޫން 2012 ގެ ނިޔަލަށް 2012 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް ދައްކަން ޖެހޭ ގިނަ ފަރާތްތަކުން މިއަދު ބަޔާން ހުށަހަޅައި ފައިސާ ދައްކައިފިއެވެ. މިއަދު ބަޔާން ހުށަހަޅާ ފައިސާ ދައްކަން ޖެހެނީ 31 ޑިސެމްބަރ 2012 އަށް އެފަރާތްތަކުގެ ހިސާބުކުރުމުގެ މުއްދަތު ނިމޭ ކުންފުނިތަކާއި ޕާރޓްނަރޝިޕްތަކުގެ އިތުރުން ވިޔަފާރިކުރާ އަމިއްލަ ފަރުދުންގެ ތެރެއިން 2012 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް ދައްކަންޖެހޭ ފަރާތްތަކެވެ. ބީ.ޕީ.ޓީ ފައިނަލް ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 2012 ވަނަ އަހަރު ދައްކަންޖެހޭ ޓެކުހުގެ އަދަދުން ފުރަތަމަ އަދި ދެވަނަ އިންޓެރިމް  ޕޭމަންޓާއި، 2011 ވަނަ އަހަރު އިތުރަށް ފައިސާއެއް ދެއްކިފައިވާނަމަ އެއަދަދު އުނި ކުރުމަށްފަހު ދައްކަން ޖެހޭ އަދަދެވެ.

      މިގޮތުން މިއަދު އެކަނިވެސް މިހާތަނަށް 1400 އަށްވުރެ ގިނަ ބަޔާން މިއޮތޯރިޓީއިން ބަލައިގަނެފައިވެއެވެ. މިއަދު ޚިދުމަތް ހޯދުމަށް މީރާއަށް ގިނަ ފަރާތްތަކެއް އައުމާ ގުޅިގެން، ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ޚިދުމަތް އަވަސް ކުރުމުގެ ގޮތުން ފާއިތުވި ދެ ދުވަހެކޭ އެއްފަދައިން މިއަދުވެސް ވަގުތީ ކައުންޓަރުތަކެއް ތައްޔާރު ކުރެވިގެން ޚިދުމަތް ދެވިފައިވެއެވެ. އަދި މިއަދު ދޫކުރެވިފައިވާ ހުރިހާ ޓޯކަން ނަންބަރުތަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވެއެވެ.

      ބީ.ޕީ.ޓީގެ އިތުރުން މިއަދަކީ މަހުންމަހަށް ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތްތަކުގެ މެއި 2013 ގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ.

30-06-13