މީރާއިން ހިނގާލުމަކާއި ރޯޑްޝޯވއެއް ބާއްވައިފި

ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ފަރުދުން ޓެކުހަށް އަހުލުވެރިކުރުމުގެ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިނގާލުމަކާއި ރޯޑްޝޯވއެއް ބާއްވައިފިއެވެ. މިރޯޑްޝޯވ ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ކައިރިވަމުންއަންނަ 2012 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި އަށާއި، 2013 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް ސްޓޭޓްމަންޓް ހުށަހަޅައި ޕޭމަންޓް ދެއްކުމުގެ ސުންގަޑިއަށް ޓެކްސް ދައްކާ ފަރާތްތައް އަހުލުވެރިކުރުމެވެ.

މިގޮތުން، 31 ޑިސެމްބަރ 2012 އަށް އެފަރާތެއްގެ ހިސާބުކުރުމުގެ މުއްދަތު ނިމުނު ފަރާތްތަކުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް ދައްކަންޖެހޭ ސުންގަޑިއަކީ 30 ޖޫން 2013 އެވެ. އަދި 2013 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް ސްޓޭޓްމަންޓް ހުށަހަޅައި ޕޭމަންޓް ދެއްކުމުގެ ސުންގަޑިއަކީ 31 ޖުލައި 2013 އެވެ. މީގެ އިތުރުން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން 1 އޮގަސްޓުން ފެށިގެން ޖީ.އެސް.ޓީ ހިމަނައިގެން މުދަލާއި ޚިދުމަތުގައި އަގު ޖެހުމަށްވެސް މަޢުލޫމާތު ދެވިފައިވެއެވެ.

20 ޖޫން 2013 ގައި 'މީރާ ވޯކް' ގެ ނަމުގައި ބޭއްވުނު ހިނގާލުމުގައި މީރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ، މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާފައިވެއެވެ. އަދި މި ހިނގާލުމުގައި ގިނަ އަދަދެއްގެ މުހިއްމު މެސެޖްތައް އާންމުންނަށް ދެވިފައިވެއެވެ. މީރާގެ އޮފީހުން ފެށުނު މިހިނގާލުން ނިންމާލެވިފައިވަނީ މީރާގެ ރޯޑްޝޯވ އޮތް ސަރަހައްދު ކަމުގައިވާ ޖޫމްހޫރީ މައިދާނުންނެވެ.

ހަވީރު 4:00 އިން 6:00 އަށް ބޭއްވުނު މިރޯޑްޝޯވ ގައި ކުޑަކުދިންގެ ކުޅިވަރުތަކާއިއެކު ޓެކްސް ދައްކާ ފަރާތްތަކާއި އާންމުންނަށް މަޢުލޫމާތު ދިނުމުގެ ހަރަކާތްތަކެއްވެސް ހިންގިފައިވެއެވެ. 

23-06-13