މީރާއިން އޯޕަންޑޭ އެއް ބާއްވައިފި

ޓެކްސްދައްކާ ފަރާތްތަކާއި އާންމު ފަރުދުން ރާއްޖޭގައި ޤާއިމްކުރެވިފައިވާ ޓެކުހުގެ ނިޒާމަށް އަޙުލުވެރިކުރުމުގެ ގޮތުން މީރާއިން ކުރިއަށް ގެންދާ 'ޓެކްސް ވީކް' ގެ ހަރަކާތެއްގެ ގޮތުގައި އިއްޔެ 'މީރާ އޯޕަންޑޭ' އެއް ބާއްވައިފިއެވެ.

އިއްޔެ ހެނދުނު 9:00 އިން ހަވީރު 4:30 އަށް ފާހަގަކުރެވުނު މިއޯޕަންޑޭގެ މަޤްސަދަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކާއި ވަޒީފާ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އާންމުންނާއި މީރާގައި ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް ފޯރުވައިދިނުމެވެ. މިގޮތުން މީރާއަށް ޒިޔާރަތްކުރި ފަރާތްތަކަށް މީރާގެ އެކި ޑިޕާރޓްމަންޓްތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ އިތުރުން، އެފަރާތެއް ކިޔަވާ ނުވަތަ ކިޔަވާފައިވާ ދާއިރާއާއި ގުޅިގެން މީރާގައި އަދާ ކުރެވޭނެ ވަޒީފާތަކުގެ މަޢުލޫމާތު ދެވިފައިވެއެވެ. އަދި މީރާގެ އެކި ޑިޕާރޓްމަންޓްތަކަށް ޒިޔާރަތްކޮށް އެޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކޮށް، ސުވާލުކުރުމުގެ ފުރުޞަތު ދެވިފައިވެއެވެ. މީގެ އިތުރުން، ޒިޔާރަތްކުރި ފަރާތްތަކަށް ހާއްސަ ޓެކްސް ކުއިޒެއްވެސް ބޭއްވިފައިވެއެވެ.

އިއްޔެ ބޭއްވުނު 'މީރާ އޯޕަންޑޭ' އަށް ގިނަ ފަރާތްތަކެއް ޒިޔާރަތްކޮށްފައިވެއެވެ. އަދި ޓެކްސްދައްކާ ފަރާތްތަކާއި އާންމުންގެ މިފަދަ ތަރުހީބާއި އެއްބާރުލުން މީރާ 'ޓެކްސް ވީކް' ގެ އެހެނިހެން ހަރަކާތްތަކަށް ލިބިގެންދާނެކަމަށް މިއޮތޯރިޓީއިން އުންމީދު ކުރަމެވެ.

19-06-13