މީރާއިން 'ޓެކްސް ވީކް' އެއް ބާއްވަނީ

ޓެކްސްދައްކާ ފަރާތްތަކާއި އާންމު ފަރުދުން ރާއްޖޭގައި ޤާއިމްކުރެވިފައިވާ ޓެކުހުގެ ނިޒާމަށް އަޙުލުވެރިކުރުމުގެ ގޮތުން 'ޓެކްސް ވީކް' ގެ ނަމުގައި އެއް ހަފްތާ ވަންދެއް ޙަރަކާތްތަކެއް އިއްޔެ ފައްޓައިފިއެވެ. އަދި 'ޓެކްސް ވީކް' ބޭއްވުމުގެ އެއް މަޤްސަދުގެ ތެރޭގައި ކުރިއަށް އޮތް ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީ ގެ މުހިއްމު ސުންގަޑިތަކަށް ޓެކްސްދައްކާ ފަރާތްތައް އަޙުލުވެރިކުރުން ހިމެނެއެވެ.

ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ އަމިއްލަ ފަރުދުންނާއި، އެފަރާތެއްގެ ހިސާބު ކުރުމުގެ މުއްދަތު 31 ޑިސެމްބަރަށް ނިމޭ ފަރާތްތަކުން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ބަޔާން ހުށަހަޅައި، ފައިނަލް ޕޭމަންޓް ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2013 އެވެ. އަދި 2013 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް ސްޓޭޓްމަންޓް ހުށަހަޅައި، ފުރަތަމަ އިންޓެރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑިއަކީ 31 ޖުލައި 2013 އެވެ. މީގެ އިތުރުން މަހުން މަހަށް ޖީ.އެސް.ޓީ ދައްކާ ފަރާތްތަކުގެ ޖޫން މަހުގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމާއި، އަދި 3 މަހުން އެއްފަހަރު ޖީ.އެސް.ޓީ ދައްކާ ފަރާތްތަކުގެ 2013 ވަނަ އަހަރުގެ 2ވަނަ ކުއާޓާރުގެ ބަޔާން ހުށަހަޅާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 28 ޖުލައި 2013 އެވެ.

ޓެކްސް ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2013 އިން 21 ޖޫން 2013 އަށެވެ. އަދި މި 'ޓެކްސް ވީކް' ގެ ތެރޭގައި ސްކޫލް ކުދިންނަށް މަޒުމޫނު އަދި ކުރެހުމުގެ މުބާރާތެއް ހުޅުވާލުމާއި، މާލޭގެ އެކި ސަރަހައްދުތަކުގައި މީރާގެ އިންފޮމޭޝަން ޑެސްކުތައް ބެހެއްޓުމާއި، 'މީރާ އޯޕަން ޑޭ' އެއް ބޭއްވުން ހިމެނެއެވެ. "މީރާ އޯޕަން ޑޭ"ގެ މަޤްސަދަކީ މީރާއިން ފޯރުވައިދޭ ޚިދުމަތްތަކާއި ވަޒީފާ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އާންމުންނާއި މީރާގައި ވަޒީފާ އަދާކުރަންބޭނުންވާ ފަރާތްތަކަށް ފޯރުވައިދިނުމެވެ. މީގެ އިތުރުން، 'ޓެކްސް ވީކް' ގެ އެންމެ ފަހު ދުވަހު 'މީރާ ވޯކް' ގެ ނަމުގައި ހިނގާލުމެއްބޭއްވުމުގެ އިތުރުން ރޯޑްޝޯވ އެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

'ޓެކްސް ވީކް' އަކީ އާންމުން ޓެކުހަށް އަޙުލުވެރިކުރުމަށް މީރާއިން ކުރަމުން ދާ މަސައްކަތުގެ ބައެއްކަމަށާއި، މި 'ޓެކްސް ވީކް' ފާހަގަކުރުމުގައިވެސް ޓެކްސްދައްކާ ފަރާތްތަކުގެ އެއްބާރު ލިބޭނެކަމަށް މިއޮތޯރިޓީއިން އުންމީދު ކުރަމެވެ.

16-06-13