މީރާއާއި އޭ.ސީ.ސީ އާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

މީރާއާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި މިއަދު ސޮއިކުރައްވައިފިއެވެ. މިއީ ކޮރަޕްޝަންގެ މައްސަލަތަކާއި ޓެކުހާ ގުޅޭ ކުށްތައް ތަހުޤީޤު ކުރުމުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުވައިދިނުމަށާއި، އެފަދަ ކަންކަމާ ބެހޭ މަޢުލޫމާތު ހިއްސާކުރުމާ ބެހޭ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

މިއެމް.އޯ.ޔޫގެ ސަބަބުން ދެ މުއައްސަސާއިން ތަންފީޒުކުރާ ޤާނޫނުތަކާއި ގަވާއިދުތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ތަންފީޒުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އަދި ދެ މުއައްސަސާގެ ވަސީލަތްތައް ހިއްސާކުރުމަށް މަގުފަހިވެގެންދިއުމުގެ އިތުރުން ޓެކްސްގެ ދާއިރާއިން ކުރެވޭ ޖިނާއީ ކުށްތައް ތަހުޤީޤުކޮށް، ދަޢުލަތަށް ލިބެންޖެހި ނުލިބިހުރި ފައިސާ ހޯދުމުގައި އޭ.ސީ.ސީގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެއެވެ. މީގެ އިތުރުން، ކޮރަޕްޝަންގެ މައްސަލަތައް ތަހުޤީޤުކުރުމުގައި ޓެކުހާ ގުޅުންހުރި ދާއިރާތަކުގައި މީރާގެ މުވައްޒަފުންގެ ޓެކްނިކަލް ނޮލެޖް އޭ.ސީ.ސީއަށް ލިބިގެންދާނެއެވެ.

އެމް.އޯ.ޔޫގައި ސޮއިކުރެވުނީ މިއަދު ހެނދުނު 10:3ގައި މީރާގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައިއެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ޔަޒީދު މުޙައްމަދެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އަލްފާޟިލް ހަސަން ލުތުފީއެވެ. 

09-06-13