މުދަލާއި ޚިދުމަތުގައި އަގުޖަހާ އުސޫލަށް އަންނަ ބަދަލަށް އާންމުން ހޭލުންތެރިކުރުމަށް މީރާއިން ރޯޑްޝޯވއެއް ބާއްވައިފި

ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 1 އޮގަސްޓް 2013 އިން ފެށިގެން މުދަލާއި ޚިދުމަތުގައި އަގު ޖަހަން ޖެހޭނީ ޖީ.އެސް.ޓީ ހިމަނައިގެންކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނިންމެވުމާ ގުޅިގެން، މިކަމަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން ހޭލުންތެރިކުރުވުމަށް މީރާއިން މިއަދު ރޯޑްޝޯވއެއް ބާއްވައިފިއެވެ.

 

މިއަދު ހަވީރު 4:00 އިން 6:00 އަށް ޖުމްހޫރީ މައިދާނުގައި ބޭއްވުނު މި ރޯޑްޝޯވގައި ޖީ.އެސް.ޓީ އަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން އެފަރާތްތަކުން ފޯރުވައިދޭ މުދަލާއި ޚިދުމަތުގައި އަގުޖަހަން ޖެހޭ އުސޫލަށް މިއަންނަ ބަދަލާ  ގުޅޭ ގޮތުން އާންމުންނަށް މަޢުލޫމާތު ފޯރުވައި ދެވިފައިވެއެވެ. މީގެ އިތުރުން، ކައިރިވަމުން އަންނަ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ނުވަތަ ބީ.ޕީ.ޓީގެ ސުންގަޑި ތަކާބެހޭގޮތުންވެސް މަޢުލޫމާތު ފޯރުވައިދެވިފައިވެއެވެ. 31 ޑިސެމްބަރ 2012 އަށް އެފަރާތެއްގެ ހިސާބު ކުރުމުގެ މުއްދަތު ނިމޭ ފަރާތްތަކުން އެ ފަރާތްތަކުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ބީ.ޕީ.ޓީ ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2013 އެވެ. އަދި ބީ.ޕީ.ޓީ ދައްކަން ޖެހޭ ފަރާތްތަކުން އެފަރާތްތަކުގެ 2013 ވަނައަހަރުގެ ބީ.ޕީ.ޓީ ފުރަތަމަ އިންޓަރިމް ސްޓޭޓްމަންޓާއި ޕޭމަންޓް ދެއްކުމުގެ ސުންގަޑިއަކީ 31 ޖުލައި 2013 އެވެ.

 

މިއަދު ކުރިއަށް ގެންދެވުނު މިރޯޑްޝޯވގައި ގިނަ އަދަދެއްގެ މަޢުލޫމާތު ކަރުދާސް މާލޭގެ އެކި ހިސާބުތަކުގައި ބަހައި، ކުއިޒް އަދި އެނައުންސްމަންތައް މެދުވެރިކޮށް މައުލޫމާތު ފޯރުވައިދިނުމުގެ އިތުރުން ގިނަ އަދަދެއްގެ ފަރާތްތަކަށް ޓެކުހާ ބެހޭ މަޢުލޫމާތު ދެވިފައިވެއެވެ.

08-06-13