2012 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެއްޖެ

ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ އަމިއްލަ ފަރުދުންނާއި، އެފަރާތެއްގެ ހިސާބު ކުރުމުގެ މުއްދަތު 31 ޑިސެމްބަރަށް ނިމޭ ފަރާތްތަކުން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނުގެ ދަށުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި، ބީ.ޕީ.ޓީ ގެ ފައިނަލް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ކައިރިވަމުން އަންނާތީ އެކަމަށް ހުރިހާ ޓެކްސްދައްކާ ފަރާތްތައް ސަމާލުވުމަށް މިއޮތޯރިޓީއިން އިލްތިމާސް ކުރަމެވެ. މިފަރާތްތަކުން ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި، ފައިނަލް ޕޭމަންޓް ދައްކަންޖެހޭ އެންމެ ފަހު ތާރީޚަކީ 30 ޖޫން 2013 އެވެ.

އަމިއްލަ ފަރުދުންގެ ތެރެއިން ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނީ އެފަރާތަކަށް 2012 ވަނަ އަހަރު ލިބުނު ޖުމުލަ އާމްދަނީ 750,000 (ހަތްލައްކަ ފަންސާސްހާސް) ރުފިޔާއަށް އެރުން، ނުވަތަ 2012 ވަނަ އަހަރު ލިބުނު ޓެކްސް ބިނާ ކުރެވޭ ފައިދާ 500,000 (ފަސް ލައްކަ) ރުފިޔާއަށް އެރުން، މިދެޝަރުތުން ކުރެ ޝަރުތެއް ހަމަވާ އަމިއްލަ ފަރުދުން ބި.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް ކުންފުނިތަކުން ކިތަންމެ ކުޑަ ވިޔަފާރިއެއް ކުރިނަމަވެސް ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން، ޖުމުލަ އާމްދަނީ 5 މިލިއަން ރުފިޔާއަށް ނާރާ އަމިއްލަ ފަރުދުންނާއި، ޕާރޓްނަރޝިޕްތަކާއި ކުންފުނިތަކުން އެފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކުރަން ނުޖެހޭނެއެވެ. އަދި ޖުމުލަ އާމްދަނީ 5 މިލިއަން ރުފިޔާއިން ފެށިގެން މައްޗަށް ލިބިފައިވާނަމަ، އެފަރާތެއްގެ މާލީ ހިސާބުތައް އޮޑިޓްކޮށް، އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަން ޖެހޭނެއެވެ.

ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިރާގެ ހޮޓްލައިން 1415 އަށް ގުޅުމުން، ނުވަތަ މީރާގެ ސަޕޯޓް އީމެއިލް 1415@mira.gov.mv އަށް އީމެއިލް ކުރުމުން، ނުވަތަ މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރަށް ޒިޔާރަތްކުރުމުން މަޢުލޫމާތު ލިބިގެންދާއެވެ. 

03-06-13