ސިންގަޕޯރ ކޯޕޮރޭޝަން އެންޓަރޕްރައިޒުން މީރާ މުވައްޒަފުންނަށް ވާކްޝޮޕްތަކެއް ހިންގަންފަށައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ސިންގަޕޯރ ކޯޕޮރޭޝަން އެންޓަރޕްރައިޒް (އެސް.ސީ.އީ) އާ ދެމެދު ވެވިފައިވާ 'ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އޮން ޓެކްސް އެންޑް ޓްރޭޑް ފެސިލިޓޭޝަން އިން ދަ މޯލްޑިވްސް' އެއްބަސްވުމުގެ ދަށުން އެސް.ސީ.އީ އިން މީރާގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމްތަކެއް އިއްޔެ ފައްޓަވައިފިއެވެ.

މުވައްޒަފުންގެ ޤާބިލުކަން އިތުރަށް ތަރައްޤީކުރުމަށް އެސް.ސީ.އީ އިން ހިންގާ މި ޕްރޮގްރާމުގެ ދަށުން ތިން ވަރކްޝޮޕަކަށް ބަހާލައިގެން މީރާގެ މުވައްޒަފުން ތަމްރީނުކުރެވޭނެއެވެ. މިގޮތުން އޮޑިޓް އެންޑް އިންވެސްޓިގޭޝަން، ޓެކްސްޕޭޔަރ ސަޕޯޓް އެންޑް ސަރވިސަސް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސްގެ ދާއިރާއިން ވަރކްޝޮޕް ހިންގުމަށް ހަމަޖެހިފައިވެއެވެ. ކޮންމެ ވަރކްޝޮޕެއްވެސް ގާތްގަނޑަކަށް 5 ދުވަހަށް ކުރިއަށް ގެންދެވޭއިރު މިވަރކްޝޮޕްތައް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު 15:00ން 22:00 އަށެވެ.

މިޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާނީ ސިންގަޕޫރުގައި ޖީ.އެސް.ޓީ ތަޢާރަފުކުރުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ އަދި ސިންގަޕޫރުގެ ޓެކްސް އޮތޯރިޓީކަމުގައިވާ އިންލަންޑް ރެވެނިއު އޮތޯރިޓީ އޮފް ސިންގަޕޯ (އައިރާސް)ގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅުންތަކެކެވެ. މިޕްރޮގްރާމުގައި އައިރާސްގެ ތަޖުރިބާ، ޚާއްސަގޮތެއްގައި ޖީ.އެސް.ޓީ ތަންފީޒުކުރުމުގައި އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރެވޭނެއެވެ. އަދި މިޕްރޮގްރާމުން މީރާގެ މުވައްޒަފުން ކުރާ އޮޑިޓްތަކަށާއި ތަހުޤީގުތަކަށާއި އަދި ޓެކްސްދައްކާ ފަރާތްތަކަށް މީރާއިން ފޯރުވައިދޭ އެހެނިހެން ޚިދުމަތްތައް ތަރައްޤީކުރުމަށް ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ.

 

20-05-13