"މީރާ ކަނެކްޓް" 19 މެއި ގައި ތަޢާރަފުކުރެވެނީ

ޓެކްސްދައްކާ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށް މީރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން އިންޓަރނެޓް މެދުވެރިކޮށް ޓެކްސް ބަޔާނާއި ފައިސާ ދެއްކުމަށް ތަޢާރަފުކުރެވޭ "މީރާ ކަނެކްޓް"ގެ ޚިދުމަތް 19 މެއި 2013 ގައި އޮންލައިން ވާނެއެވެ.

"މީރާ ކަނެކްޓް"ގެ ޚިދުމަތް ފެށުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އޮންލައިންކޮށް ބަޔާން ހުށަހެޅޭނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުވައިދޭ ފަރާތްތަކުގެ ތެރެއިން މިކަމަށް އެދި ރަޖިސްޓްރީކުރެވޭ ފަރާތްތަކަށް އެކަނިއެވެ. މިގޮތުން މިފަރާތްތަކުން، 19 މެއި 2013 އިން އެފަރާތްތަކުގެ ޖީ.އެސް.ޓީ ބަޔާނާއި ބީ.ޕީ.ޓީ ބަޔާން "މީރާ ކަނެކްޓް" މެދުވެރިކޮށް ހުށަހެޅޭނެއެވެ. "މީރާ ކަނެކްޓް" ބޭނުންކުރަން ބޭނުންވާ ފަރާތްތަކުގެ އެކައުންޓުތައް ހުޅުވުމާއި "މީރާ ކަނެކްޓް" ބޭނުންކުރާނެގޮތުގެ ޓްރޭނިންގ ދިނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދެއެވެ.

"މީރާ ކަނެކްޓް"ގެ ޚިދުމަތް ތަޢާރަފުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މި ޚިދުމަތް ބޭނުން ކުރެވޭނީ ހަމައެކަނި ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ކަމުގައި ވީނަމަވެސް، ވަރަށް އަވަސް މުސްތަގުބަލެއްގައި ހުރިހާ ޓެކްސްދައްކާ ފަރާތްތަކުންވެސް މި ޚިދުމަތް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ. އަދި މިޚިދުމަތް މެދުވެރިކޮށް އޮންލައިންކޮށް ބަޔާންހުށަހެޅުމުގެ އިތުރުން ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީގެ ފައިސާ ދެއްކޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެއެވެ.

16-05-13