ގއ. ފުނަދޫގެ ލީސް ރެންޓާއި ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް ހައި ކޯޓުން ހުކުމް ކޮށްފި

ގއ. ފުނަދޫގެ ލީސް ރެންޓުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ގ. އައިމާ، އަޙްމަދު އަބްދުލްއަޒީޒް ގެ މައްޗަށް ސިވިލް ކޯޓުން އިއްވެވި ހުކުމް އެފަރާތުން އިސްތިއުނާފުކޮށް، އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް މިއަދު ހައިކޯޓުން އިއްވަވައިފިއެވެ.

      9 ޖެނުއަރީ 2012 ގައި ސިވިލް ކޯޓުން އިއްވެވި ހުކުމުގައި، 25 މާރޗް 2009 އިން ފެށިގެން 25 ޖޫން 2011 ގެ ނިޔަލަށް ގއ. ފުނަދޫގެ ލީސް ރެންޓުގެ ގޮތުގައި އަޙްމަދު އަބްދުލްއަޒީޒް ދައުލަތަށް ދައްކަންޖެހޭ 574,998/-ރ. (ފަސްލައްކަ ހަތްދިހަހަތަރުހާސް ނުވަސަތޭކަ ނުވަދިހައަށް ރުފިޔާ) އާއި، ފައިސާ ދައްކަންޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި 1,119,241.66ރ. (އެއްމިލިއަން އެއްލައްކަ ނަވާރަހާސް ދުއިސައްތަ ސާޅީސް އެއްރުފިޔާ ފަސްދޮޅަސްހަ ލާރި) އާއެކު ޖުމްލަ 1,694,239.66ރ. (އެއްމިލިއަން ހަލައްކަ ނުވަދިހަހަތަރުހާސް ދުއިސައްތަ ތިރީސްނުވަ ރުފިޔާ ފަސްދޮޅަސްހަ ލާރި) އެ ތާރީޚުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް އަމުރުކުރައްވާފައިވެއެވެ.

އަދި މި މައްސަލައިގައި އަޙުމަދު ޢަބްދުލްޢަޒީޒަށް ލުއިގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިކަމުގައި ވީނަމަވެސް، އެފައިސާ ދައްކަންޖެހޭނީ މީރާއިން ކަނޑައަޅާ ގޮތެއްގެ މަތިންކަމަށާއި، ވަޒީރުންގެ މަޖިލީހަށް މިކަމުގައި ގޮތްތަކެއް ކަނޑަނޭޅޭނޭކަމަށް ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމެވުމުގައި ބަޔާންކުރައްވާފައިވެއެވެ.

      އިސްތިއުނާފުކުރި މި މައްސަލައިގައި ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކުރައްވައި އެ ހުކުމަށް އެއްވެސް ބަދަލެއްގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ހައި ކޯޓުން ހުކުމްކުރައްވާފައިވެއެވެ.

 

12-05-13