1 އޯގަސްޓުން ފެށިގެން މުދަލާއި ޚިދުމަތުގައި އަގު ޖަހަން ޖެހޭނީ ޖީ.އެސް.ޓީ ހިމަނައިގެން ކަމަށް ހަމަޖައްސައިފި

1 އޯގަސްޓް 2013 އިން ފެށިގެން ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގު ޖަހަން ޖެހޭނީ ޖީ.އެސް.ޓީ ގެ އަދަދު އެ އަގުގެ ތެރޭގައި ހިމަނައިގެން ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހަމަޖައްސައިފިއެވެ. ޤާނޫނު ނަންބަރު 1/96 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް ޙަވާލާދީ އެ މިނިސްޓްރީން މިއަދު ނެރުއްވި އިޢުލާނެއްގައިވާ ގޮތުން، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ ތެރެއިން ޖީ.އެސް.ޓީ ނެގޭނެކަމަށް ބަޔާންކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގުން ނަގަންޖެހޭ ޖީ.އެސް.ޓީ.އަކީ އެ މުދަލެއް ގަންނަ ފަރާތުން ނުވަތަ އެ ޚިދުމަތެއް ލިބިގަންނަ ފަރާތުން ދައްކަންޖެހޭ އެއްޗަކަށްވުމުން، އަދި ތަފާތު ގޮތްގޮތަށް އަގު ޖެހުމުގެ ސަބަބުން މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އޮޅުން އަރަމުން ދިއުމުގެ ސަބަބުން، 1 އޯގަސްޓް 2013 އިން ފެށިގެން މުދަލާއި ޚިދުމަތުގެ އަގު ޖަހަންވާނީ ޖީ.އެސް.ޓީއަށްވާ ޢަދަދު ހިމަނައިގެންނެވެ.

 

މިއަދު (29 އޭޕްރިލް 2013ގެ) ދިވެހިސަރުކާރުގެ ޤެޒެޓުގައި ޝާޢިޢުކުރެވުނު މިއިޢުލާނުގައި ވިޔަފާރި މުދަލުގައި ޖީ.އެސް.ޓީ ހިމަނައިގެން ޖުމުލަ އަގުޖެހުމަށާއި، ސަރވިސް ޗާރޖް ނުނަގާ ދެވޭ ވިޔަފާރީގެ ޚިދުމަތްތަކުގައި ޖީ.އެސް.ޓީ ހިމަނައިގެން ޖުމުލަ އަގުޖެހުމަށާއި، ސަރވިސް ޗާރޖް ނަގައިގެން ދެވޭ ވިޔަފާރީގެ ޚިދުމަތްތަކުގައި އެ ޚިދުމަތުގެ އަގާއި ސަރވިސް ޗާރޖަށް ދައްކަންޖެހޭ މިންވަރާއި ޖީ.އެސް.ޓީ އަށް ދައްކަންޖެހޭ މިންވަރު ހިމަނައިގެން ޖުމުލަ އަގު ހިސާބުކުރެވޭގޮތަށް އަގުޖެހުމަށް ވަނީ އަންގަވާފައެވެ.

 

1 އޯގަސްޓް 2013 އިން ފެށިގެން، މުދަލާއި ޚިދުމަތުގައި އަގުޖަހަންވާނީ މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ފަދައިންކަމުގައި އަންގަވާފައިވާތީ، މުދާ ނުވަތަ ޚިދުމަތް ފޯރުވައިދޭ ފަރާތްތަކާއި، މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މީރާއިން އިލްތިމާސް ކުރަމެވެ.

 

29-04-13