ޓެކްސްދައްކާ ފަރާތްތަކާއި އާންމުން ޓެކްސްތަކަށް އަހުލުވެރިކުރުމަށް މީރާގެ ޓީމްތަކެއް އަތޮޅުތަކަށް ފުރައިފި

މީރާގެ ޓީމްތަކެއް 08 ފެބްރުއަރީ ގައި ހއ.، ހ.ދ.، ގއ.، ގދ.، ޏ. އަދި ސ. އަތޮޅުގެ ރަށްތަކަށް ފުރައިފިއެވެ. މި އަތޮޅުތައް ކަނޑައަޅާފައިވަނީ އެ އަތޮޅުތަކުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި އަދި މިހާތަނަށް ޖީއެސް.ޓީ އަދި ބީ.ޕީ.ޓީ ގެ ގޮތުގައި ދައްކައިފައިވާ ފައިސާގެ ނިސްބަތަށް ބަލައިގެންނެވެ. މީރާގެ ޓީމުތަކުން ކުރާ މިދަތުރުތަކުގައި ޓެކްސްދައްކާ ފަރާތްތަކާއި އާންމު ފަރުދުންނަށް ޓެކްސްއާ ގުޅޭ މުހިއްމު މަޢުލޫމާތު ދިނުމަށް ބައްދަލުވުންތައް ބޭއްވުމާއި، ވިޔަފާރިތަކުން އަމަލުކުރަމުންދަނީ ޓެކްސްގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އެއްގޮތަށްތޯ ޗެކްކުރުމަށް ކޮމްޕްލަޔަންސް ޒިޔާރަތްތައް ކުރުމާއި، ވިޔަފާރިތައް އޮޑިޓްކުރުން ހިމެނެއެވެ.

      މީރާގެ ޓީމުތައް ކޮންމެ އަތޮޅެއްގައި އެއް މަސް ދުވަހާއި ދޮޅުމަސް ދުވަހުގެ މުއްދަތެއް ހޭދަ ކުރާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މިއަތޮޅުތަކުގެ ވިޔަފާރިވެރިންނާއި އާންމު ފަރުދުން ޓެކްސްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ މިފުރުސަތުގެ ބޭނުން ހިފައި، މީރާގެ ޓީމްތަކާއި ބައްދަލުކުރުމަށް މިއޮތޯރިޓީއިން އެދެމެވެ.

09-02-13