މީރާގެ އޮންލައިން ޚިދުމަތް ޓެސްޓްކުރުމަށް ބޭނުންވާ ފަރާތްތަކަން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

މީރާއިން އަލަށް ތަޢާރަފުކުރާ ޓެކްސްޕޭޔަރ އޮންލައިން ސަރވިސަސް ޓެސްޓް ކުރުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު މިފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ޓެސްޓިންގައި ބައިވެރިވެވޭނީ މިކަމަށް ރަޖިސްޓަރީ ކުރާ ފަރާތްތަކުގެ ތެރެއިން މީރާއިން ހޮވާލާ ފަރާތްތަކަށެވެ. އެހެންކަމުން މިޓެސްޓިންގައި ބައިވެރިވާން އެދޭ ފަރާތްތަކުން މީރާގެ ވެބްސައިޓް (www.mira.gov.mv) މެދުވެރިކޮށް ނުވަތަ މީރާގެ ހޮޓްލައިން 1415 މެދުވެރިކޮށް ނަން ރަޖިސްޓަރީކުރުން އެދެމެވެ.

      ޓެކްސްޕޭޔަރ އޮންލައިން ސަރވިސަސް އަކީ ޓެކްސްދައްކާ ފަރާތްތަކަށް ޓެކްސް ދެއްކުމުގައި ލުއި ގޮތްތައް ހޯދައިދިނުމަށް މީރާއިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. ޚިދުމަތް ތަޢާރަފުކުރުމުގެ މިމަރުހަލާގައި މިސިސްޓަމުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ ގެ ޓެކްސް ބަޔާނާއި ފައިސާއެވެ. އަދި މިސިސްޓަމް ޤާއިމްކުރެވުމުން ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އިންޓަރނެޓް މެދުވެރިކޮށް ޓެކްސް ދެއްކުމާއި ބަޔާން ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި ކައިރި މުސްތަޤުބަލެއްގައި މީރާއިން ބަލައިގަންނަ ހުރިހާ ބާވަތެއްގެ ފައިސާ އޮންލައިންކޮށް ބަލައިގަނެ ބަޔާންތައް ފައިލް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި  މިއޮތޯރިޓީއިން މިދަނީ ވަރަށް ބާރުމިނެއްގައި  މިކަމުގެ ތައްޔާރީ ވަމުންނެވެ.

07-02-13