5 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ މާލީ ހިސާބުތައް އޮޑިޓް ކުރަން ނުޖެހޭގޮތަށް މީރާއިން ނިންމައިފި

އަހަރަކަށް 5 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާލީ ބަޔާންތައް މީރާއަށް ހުށަހަޅާއިރު އޮޑިޓްކުރަން ނުޖެހޭގޮތަށް މީރާއިން ހަމަޖައްސައިފިއެވެ. 31 ޖެނުއަރީގައި މީރާއިން ނެރެފައިވާ TR-2013/B28 ނަންބަރު ޓެކްސް ރޫލިންގގައިވާގޮތުގެ މަތިން، 5 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުގެ ޓެކްސް ބަޔާނާއެކު މާލީ ހިސާބުތައް އޮޑިޓްކުރި އޮޑިޓަރުގެ ރިޕޯޓް ހުށަހަޅާކަށް ނުޖެހޭނެއެވެ.

5 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް މީރާއިން އިތުރު ލުޔެއްވެސް ދީފައިވެއެވެ. މިގޮތުން މިފަދަ ވިޔަފާރިތަކުން ހިސާބު ތައްޔާރުކުރުމުގައި 'އެކްރުއަލް ބޭސިސް' ގެ ބަދަލުގައި 'ކޭޝް ބޭސިސް' އިޚްތިޔާރު ކުރެވިދާނެއެވެ. އަދި ކޭޝް ބޭސިސް އިޚްތިޔާރުކޮށްފިނަމަ ޓެކްސް ބަޔާނާއެކު ހުށަހަޅަންޖެހޭނީ ހަމައެކަނި އިންކަމް ސްޓޭޓްމަންޓާއި އެއާއި ގުޅޭ ނޯޓްސްއެވެ. ކުރިއާ ޚިލާފަށް ކުންފުނިތަކާއި، ޕާޓްނަޝިޕްތަކަށްވެސް މިލުއިގެ ބޭނުން މިހާރު ހިފޭނެއެވެ.

މީގެ އިތުރުން، ޓެކްސްދައްކާ ފަރާތްތަކުން މާލީ ހިސާބުތައް ހުށަހަޅަންޖެހޭ ގޮތާއި، އޮޑިޓަރުން އައްޔަންކުރާނެ ގޮތުގެ ތަފްސީލު އަދި އޮޑިޓަރުން  މީރާގައި ރަޖިސްޓަރީ ކުރުމުގައި ބަލާނެ މިންގަނޑުތައްވެސް މިރޫލިންގގައި ހިމެނިފައިވެއެވެ. އޮޑިޓަރުން އައްޔަންކުރުމާބެހޭ ގޮތުން މިހާތަނަށް މީރާއިން އަމަލުކުރަމުންއައި ޤަވާއިދުގެ ދަށުން އޮޑިޓަރުންގެ ތެރެއިން 'ސީ' އަދި 'ޑީ' ކެޓަގަރީއަށް އައްޔަންކުރެވިފައިވާ އޮޑިޓަރުންގެ ރަޖިސްޓަރީ ބާތިލްވެ، އަލުން ރަޖިސްޓަރީކުރަން އެދޭ އޮޑިޓަރުންނަށް އައު ރަޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރެވޭނެއެވެ.

ޓެކްސް ރޫލިންގ މެދުވެރިކޮށް މިފަދަ ބަދަލުތައް ގެނައުމުގެ މަޤްސަދަކީ ޓެކްސްދައްކާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމާއި، ޓެކްސްދެއްކުމުގައި ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ލުޔެއް ދިނުމެވެ.

04-02-13