ޒިޓާލީ ރިޒޯޓް އެންޑް ސްޕާގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ 3 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި

ޒިޓާލީ ރިޒޯޓް އެންޑް ސްޕާއިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ހ. ގިރީތެރޭގެ، މޫސާ ޝިޔާމް އަބްދުﷲ ޢަލީގެ މައްޗަށް 12 ޖުލައި 2012 ގައި މީރާއިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ޙުކުމް މިއަދު ސިވިލް ކޯޓުން އިއްވަވައިފިއެވެ.

       ޤާޟީ މިއަދު އިއްވެވި ޙުކުމުގައި ވާގޮތުން ޒިޓާލީ ރިޒޯޓް އެންޑް ސްޕާއިން ދައްކަންޖެހޭ ބިމު ކުއްޔާއި، ކުލި ދައްކަން ޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން އަރަމުންދާ ޖޫރިމަނާގެ ފައިސާ 17 ޖެނުއަރީ 2013 އިން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މޫސާ ޝިޔާމް އަބްދުﷲ ޢަލީ މީރާއަށް ދައްކައި ޚަލާޞްކުރަންޖެހޭނެއެވެ. މިގޮތުން، މުޅި ޖުމްލަ 222,060.07 (ދެލައްކަ ބާވީސް ހާސް ފަސްދޮޅަސް އެމެރިކާ ޑޮލަރު ހަތެއް ސެންޓު) މިއަދާ ހަމައަށް އެފަރާތުން ދައްކަންޖެހި ނުދައްކައިވެއެވެ. ކުލި ދައްކަންޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާއަކީ ކުލި ދައްކާ ޚަލާސްކުރަންދެން އަރަމުންދާނެ ޖޫރިމަނާއެކެވެ.

       ޒިޓާލީ ރިޒޯޓް އެންޑް ސްޕާއަކީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރއާއި މޫސާ ޝިޔާމް އަބްދުﷲ ޢަލީ އާއި ދެމެދު ވެވިފައިވާ ލީސް އެގްރިމެންޓަށް އެޑެންޑަމެއް ހެދި، އެފަރާތުން ދައްކަންޖެހޭ ކުލި އެ އެޑެންޑަމްގެ ދަށުން 3 އަހަރަށް ބަހާލައިގެން އަދި ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ 10 އަހަރަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމް އެމިނިސްޓްރީއިން ހަމަޖައްސަވައިދެއްވާފައިވާ ރިޒޯޓެކެވެ.

17-01-13