2012 ވަނަ އަހަރުގެ ބީ.ޕީ.ޓީ ގެ ދެވަނަ އިންޓެރިމް ޕޭމަންޓުގެ ސުންގަޑި ކައިރިވެއްޖެ

ވިޔަފާރީގެ ފައިދާއިން ޓެކްސް (ބީ.ޕީ.ޓީ) ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2012 ގެ ދެވަނަ އިންޓެރިމް ޕޭމަންޓާއި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚުކަމުގައިވާ 31 ޖެނުއަރީ 2013 ގެ ކުރިން ފައިސާ ދައްކައި އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމަށް އިލްތިމާސްކުރަމެވެ.

2011 ވަނަ އަހަރުގެ ފައިނަލް ރިޓާން ހުށަހަޅާފައިވާ ފަރާތްތަކާއި 2012 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅާފައިވާ ފަރާތްތަކާއި އަދި ބީ.ޕީ.ޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން މި ސްޓޭޓްމަންޓް ހުށަހަޅަންޖެހޭނެއެވެ. 2012 ވަނަ އަހަރުގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅާފައި ނުވާ ފަރާތްތަކުން، ފުރަތަމަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ވީހާވެސް އަވަހަށް ހުށަހެޅުމަށްވެސް އިލްތިމާސްކުރަމެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ބެހޭގޮތުން މީރާއިން ވަނީ ޓެކްސް ރޫލިންގއެއް ނެރެފައެވެ. މިރޫލިންގ ގައި ވާގޮތުން ޓެކްސް އަހަރެއްގެ ބީ.ޕީ.ޓީ ބަޔާނާއި އެ ބަޔާނާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ޖެހިގެން އަންނަ އަހަރުގެ 31 ޖެނުއަރީ ގެ ކުރިން ހުށަހަޅައިފި ނަމަ، އެ ޓެކްސް އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓަށް ނިސްބަތްވާ ސްޓޭޓްމަންޓް ހުށަހަޅާކަށް ނުޖެހޭނެއެވެ. އެހެންކަމުން 31 ޖެނުއަރީ 2013 ގެ ކުރިން 2012 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް ދައްކާ ފަރާތްތަކުން 2012 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ސްޓޭޓްމަންޓް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ޖެނުއަރީ މަހުގެ ފަހު ހަފްތާއަކީ ގިނަ ފަރާތްތަކަކުން ޓެކްސް ދެއްކުމަށް އަންނާނެ ހަފްތާއެއްކަމުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި ދުރާލާ މި ސުންގަޑިއަށް ސަމާލުވުން މުހިންމެވެ.

15-01-13