ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން މީރާއިން ވިޔަފާރިކުރާ 3 ތަނެއް ބަލައި ފާސްކޮށްފި

ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން މީރާއިން 2 ކުންފުންޏެއްގެ އޮފީހަށާއި ފިހާރައަކަށް މިއަދު ވަދެ އެ ތަންތަން ބަލައި ފާސްކޮށްފިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން ނެރުނު ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން މީރާއިން މިއަދު ހެނދުނު ވަދެފައިވަނީ ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ އޮފީހަށާއި ޕީ.އެފް.އެސް ޕްރައިވެޓް ލިމިޓެޑްގެ އޮފީހަށާއި "ޓްރެޜަރީ" ކިޔާ ފިހާރައަކަށެވެ. މި ދެ ކުންފުނީގެ މައި ހިއްސާދާރަކީ ޓްރެޜަރީ ފިހާރައިގެ ވެރި ފަރާތެވެ.

 

ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ ޖީ.އެސް.ޓީ ޤާނޫނުގެ ދަށުން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރުން ލާޒިމުވާ ކުންފުންޏެއް ކަމުގައިވިޔަސް އެ ކުންފުނިން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައި ނުވެއެވެ. އަދި ޕީ.އެފް.އެސް ޕްރައިވެޓް ލިމިޓެޑާއި ޓްރެޜަރީ ފިހާރައިން ބައެއް ޓެކްސް ނެގޭ މުއްދަތުތަކަށް ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ މި ދެ ކުންފުންޏާއި ފިހާރަ އޮޑިޓް ކުރަން ބޭނުންވެގެން މީރާއިން އެންގުމެއް ފޮނުވުމުން ލިޔެކިޔުންތައް ބެލުމަށާއި އޮޑިޓްކުރުމަށް އެ ފަރާތުގެ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަނުމުގެ ހުއްދަ ނުދޭނެކަމަށް މީރާއަށް އެ ފަރާތުން އަންގާފައިވެއެވެ. އަދި މި 3 ތަނަކީވެސް ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ 3 ތަނެވެ.

 

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ވާ ގޮތުން ޓެކްސް ދައްކާ ފަރާތްތަކުން މީރާއަށް ހުށަހަޅާ ޓެކްސް ބަޔާންތަކާއި ލިޔެކިޔުންތަކާއި އެނޫންވެސް މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށް މީރާއިން ކުރާ އޮޑިޓްތަކުގައާއި ތަހުޤީޤުތަކުގައި މީރާއަށް ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަ އެއްބާރުލުން ދޭންވާނެއެވެ. އަދި ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކުކުރެވޭނަމަ އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ ކިބައިން މީރާއިން އެދުމުން އެފަދަ އަމުރެއް ނެރެދިނުމުގެ ބާރު ޓްރައިބިއުނަލްގެ ރައީސަށް އެ ޤާނޫނުން ލިއްބައިދެއެވެ.

25-12-12