މީރާއިން އެސް.އޭ.ޕީ ސޮފްޓްވެއަރ ބޭނުންކުރަން ފެށުން

މީރާއިން ދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން މިއޮތޯރިޓީގެ ބައެއް މަސައްކަތްތައް މާދަމާއިން ފެށިގެން އައު ސިސްޓަމަކުން ކުރަން ފެށުމަށްވަނީ ހަމަޖެހިފައެވެ.

 

އެންޓަޕްރައިސް ސޮފްޓްވެއަރ ހެދުމަށް މަޝްހޫރު ޖަރުމަނުވިލާތުގެ ކުންފުންޏެއް ކަމަށްވާ އެސް.އޭ.ޕީ ގެ "ޓެކްސް އެންޑް ރެވެނިއު މެނޭޖްމަންޓް" ސިސްޓަމް މެދުވެރިކޮށް ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ މަސައްކަތާއި، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ބަޔާން ބަލައިގަތުމާއި، ބީ.ޕީ.ޓީ ބަޔާން ބަލައިގަތުމާއި، މި ދެ ޓެކުހާގުޅޭ ފައިސާ ބަލައިގަތުމުގެ މަސައްކަތް މާދަމާ ފެށުމަށްވަނީ ހަމަޖެހިފައެވެ.

 

ސިސްޓަމަށް ގެނެވޭ މިބަދަލާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތައް މީރާގައި ރަޖިސްޓަރީކުރުމަށް މިހާރު ބޭނުންކުރާ ފޯމަށް ބައެއް ބަދަލުތައް އަންނާނެއެވެ. މިގޮތުން ޓެކްސް ދައްކާ ފަރާތް ރަޖިސްޓަރީކުރުމަށާއި، އެ ފަރާތުގެ ބޭންކް އެކައުންޓްތައް ރަޖިސްޓަރީކުރުމަށާއި، އެ ފަރާތުން ހުށައަޅާ ޓެކްސް ބަޔާންތަކުގައި ސޮއިކުރާނެ ފަރާތްތައް ރަޖިސްޓަރީކުރުމަށް މިހާރު ބޭނުންކުރާ 3 ފޯމުގެ ބަދަލުގައި މާދަމާއިން ފެށިގެން ބޭނުންކުރާނީ 1 ފޯމެވެ.

 

އައު ސިސްޓަމް ތަޢާރަފުކުރުމުގެ މަރުހަލާގައި އެ ސިސްޓަމުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ ގެ ޓެކްސް ބަޔާނާއި ފައިސާ އެކަނި ކަމުގައިވިޔަސް، މީރާއިން ބަލައިގަންނަ ހުރިހާ ބާވަތެއްގެ ފައިސާ މި ސިސްޓަމް މެދުވެރިކޮށް ބަލައިގަތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން 2013 ވަނަ އަހަރު ނިމެންވާއިރަށް އިތުރު 10 ފީ ކޯޑެއް އައު ސިސްޓަމަށް ގެންދިއުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އޮންލައިންކޮށް ޓެކްސް ބަޔާން ހުށައެޅުމާއި ފައިސާ ދެއްކުމުގެ ޚިދުމަތް އަންނަ އަހަރުގެ ކުރީކޮޅު ތަޢާރަފުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައު ސިސްޓަމެއް ބޭނުންކުރަން ފަށާ ދުވަސްކޮޅު ޓެކްސް ދައްކާ ފަރާތްތަކަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެފަދަ ގޮތަކަށް ކަންކަން ރާވަމުން ގެންދިޔަ ކަމުގައިވީނަމަވެސް، އެފަދަ އުނދަގުލެއް ކުރިމަތިވެއްޖެ ޙާލަތެއްގައި ޓެކްސް ދައްކާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މިއޮތޯރިޓީއިން އުއްމީދުކުރަމެވެ.

22-12-12