މީރާގެ ހދ. ކުޅުދުއްފުށީ ބްރާންޗުގެ ޚިދުމަތް ދޭން ފަށައިފި

ޓެކްސް ދައްކާ ފަރާތްތަކާ ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ މަޤްސަދުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީރާގެ އޮފީސްތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހދ. ކުޅުދުއްފުށީގައި މީރާގެ ބްރާންޗެއް ޤާއިމުކޮށް، އެތަނުން ޚިދުމަތް ފޯރުވައިދޭން ފަށައިފިއެވެ.

 

މި ގޮތުން، 28 ނޮވެމްބަރ 2012 އިން ފެށިގެން މި އޮފީހުގެ ޚިދުމަތް ދޭން ފަށާފައިވާކަމަށާއި، ކުރިން ހދ. އަތޮޅު ކައުންސިލުން ދެއްވަމުން އައި ޓެކުހާ ގުޅޭ ހުރިހާ ޚިދުމަތްތަކާއި، އަދި އެ ކައުންސިލަށް ކުރިން ބަލައިގަންނަމުން އައި، މީރާއަށް ދައްކަންޖެހޭ، އެކިއެކި ފީތަކާއި، ކުލިވެސް މީގެ ފަހުން ބަލައިގަންނަމުންދާނީ ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ މީރާގެ އޮފީހުންނެވެ. އަދި މީރާގެ ޓެކްސްޕެޔަރ ސަރވިސް ސެންޓަރުން ދޭ ހުރިހާ ޚިދުމަތްތަކެއްވެސް ކުޅުދުއްފުށީގައި ކުރިން ޤައުމީ އިދާރާ ހިންގި އިމާރާތުގެ 2 ވަނަ ފަންގިފިލާގައި ޤާއިމުކޮށްފައިވާ މީރާގެ އޮފީހުން ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭނެއެވެ. މީގެތެރޭގައި ޖީ.އެސް.ޓީ ބަޔާނާއި ބީ.ޕީ.ޓީ ބަޔާން ބަލައިގަތުމާއި، ފައިސާ ބަލައިގަތުމާއި، ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި، ޓެކްސް ބަޔާން ފުރުމުގައި އެހީތެރިކަން ފޯރުވައިދިނުމާއި، ޓެކުހާއި ގުޅޭ މަޢުލޫމާތު ފޯރުވައިދިނުންފަދަ ތަފާތު ޚިދުމަތްތައް ހިމެނެއެވެ. އަދި، މީގެ އިތުރުންވެސް ދައުލަތަށް ނަގަމުންދާ ތަފާތު ފީ އާއި ކުލިވެސް މީރާގެ ކުޅުދުއްފުށީ ބުރާންޗުން ބަލައިގަންނާނެއެވެ.

29-11-12